ފޮޑެން, ޕާމާ އަދި ވަޓްކިންސް އިނގިރޭސި ސްކޮޑުން ބާކީ ވެއްޖެ!
މުހިއްމު ކުޅުންތެރިން ފުރުޞަތު ދޫކޮށްލީ އަމިއްލަ އަށް
ބުރާސްފަތި ދުވަހު ފަށާ ޔުއެފާ ނޭޝަންސް ލީގަށް އެކުލަވާލި އިނގިރޭސި ވިލާތުގެ ސްކޮޑުން އެޓީމުގެ މުޙިއްމު ކުޅުންތެރިންތަކެއް ބާކީވެއްޖެ އެވެ. އެއީ ފިލް ފޮޑެން, ކޯލް ޕާމާ އަދި އޮލީ ވަޓްކިންސް އެވެ.
ފާއިތުވި ސީޒަންގައި މެންޗެސްޓަރ ސިޓިގައި މޮޅު ކުޅުމެއްދެއްކި ފޮޑެން ވަނީ ޕްރިމިއަރ ލީގުގެ މިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައެވެ. އިނގިރޭސި ޤައުމީ ޓީމުގެ ވަގުތީ ކޯޗު ލީ ކާސްލޭ ފޮޑެން އަށް ވަނީ ޤައުމީ ޓީމާ ގުޅުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް ސިއްޙަތު ތަންނުދިނުމުގެ ސަބަބުން ފޮޑެން ވަނީ މިވަގުތު ޤައުމީ ޓީމާއެކު ކުރިއަށް ނުދިއުމަށް ނިންމާފައެވެ.
ޗެލްސީގެ ފޯވާޑް ޕާމާ އާއި އެސްޓަންވިލާ އަށް ކުޅޭ ވަޓްކިންސް އަންގާރަ ދުވަހު ޤައުމީ ޓީމުގެ ޕްރެކްޓިސް އާ ގުޅުމަށް އެސްޓީ ޖޯޖްސް ޕާކަށްވެސް ދިޔައެވެ. ނަމަވެސް އަލުން އެނބުރި އެމީހުން ވަނީ ކުޅެމުންދާ ކްލަބްތަކާ ގުޅިފައެވެ.
އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އެމީހުން ޤައުމީޓީމާ ވަކިވީ އެމީހުންގެ މިހާރު ހުރި ބައެއް މައްސަލަތަކަށް ރިހެބިލިޓޭޝަން ހޯދުމުގެ ގޮތުންކަމަށެވެ.
ނޭޝަންސް ލީގުގައި އިނގިރޭސިވިލާތް ފުރަތަމަ ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށެވެ. މިއީ މިއަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ޔޫރޯ ފައިނަލްގައި ސްޕެއިން އަތުން ބަލިވިފަހުން އިނގިރޭސި ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ.
ޔޫރޯއަށްފަހު އިނގިރޭސި ކޯޗަކަށް އޭރުހުރި ގެރެތް ސައުތްގޭޓް 8 އަހަރަށް ފަހު ގައުމީ ޓީމުގެ ކޯޗުކަމުން ވަނީ އިސްތިއުފާ ދިފައެވެ. 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެހުރި ކާސްލީ, ސީނިއާ ޓީމުގެ ވަގުތީ ކޯޗުގެ މަޤާމަށް ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ.
ކާސްލީ, އޭނާ ނޭޝަންސް ލީގަށް ނެގި ސްކޮޑުން އެންހެލް ގޯމޭޒް, ޓިނޯ ލިވްރަމެންޓޯ, މޯގަން ގިބްސް-ވައިޓް އަދި ނޮނީ މަޑުއެކް އަށް ވަނީ ފުރަތަމަ ފަހަރަށް ސީނިއާ ޓީމުން ޖާގަދީފައެވެ.
ނިއުކާސަލްގެ ޑިފެންޑަރު ލިވްރަމެންޓޯ އަދި އަރިމައްޗަށް ކުޅެމުން އަންނަ ގޯމޭޒް, ނޮޓިންގހަމް ފޮރެސްޓެގެ މިޑްފީލްޑަރ ގިބްސް-ވައިޓް އަދި ޗެލްސީގެ ފޯވާޑް މަޑުއެކް އަކީވެސް ކާސްލީގެ ކޯޗުކަމުގެ ދަށުން 21 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.
ޔޫރޯ 2024 ގައި އިނގިރޭސި ޓީމުން ޖާގަ ނުލިބުނު މެންޗެސްޓަރ ސިޓީގެ ޖެކް ގްރީލިޝް އަދި މެންޗެސްޓަރ ޔުނައިޓަޑްގެ ޑިފެންޑަރ ހެރީ މެގުއާ އަށްވަނީ އަލުން ޓީމާ ގުޅުމަށް ފުރުޞަތު ދީފައެވެ. ނަމަވެސް މާކަސް ރަޝްފޯޑް, ކައިލް ވޯކަރ އަދި އިވާން ޓޯނޭ އަށް ވެސް ނޭޝަންސް ކަޕްގެ ސްކޮޑުން ޖާގަ ލިބިފައެއް ނުވެއެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ކިއެރަން ޓްރީޕިއަރ ދާދި ފަހުން އިއުލާންކޮށްފައިވާއިރު ރެއަލް މެޑްރިޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ޖޫޑް ބެލިންގހަމް އަށް އަނިޔާވެ, ނޭޝަންސް ލީގުގައި އިނގިރޭސި ޤައުމީ ޓީމު ތަމްސީލްކުރުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.
ރިއެކްޝަންސް