ރޮނާލްޑޯގެ ގޯލާއެކު އަލް-ނަޞްރުގެ އާ ކޯޗު ޕަޔޯލީއަށް ރަނގަޅު ފެށުމެއް
އާ ކޯޗު އިޓަލީގެ ސްޓެފާނޯ ޕަޔޯލީގެ އިރުޝާދުގެ ދަށުން އަލް-ނަޞްރު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް, ރަނގަޅު ފެށުމެއް ހޯދައިފިއެވެ. އާކޯޗާއެކު އަލް-ނަޞްރު ރަނގަޅު ފެށުމެއް ހޯދީ ސައުދީ ޕްރޯ ލީގުގައި ހުކުރު ދުވަހު އަލް-އެއްތިފާޤް 3-0 ން ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ގޯލް އަލް-ނަޞްރަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. 33 ވަނަ މިނިޓްގައި ރޮނާލްޑޯ ލަނޑު ޖެހީ ޕެނަލްޓީއަކުން ނެވެ.
ސެރީ އޭގެ ކްލަބް އޭސީ މިލާންގެ ކުރީގެ ކޯޗު ޕަޔޯލީ އަލް-ނަޞްރުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ފާއިތުވި ހަފުތާގައެވެ. އެއީ, ދަށް ނަތީޖާތަކުގެ ސަބަބުން އެކްލަބްގެ ކުރީގެ ކޯޗު ޕޯޗްގަލްގެ ލުއިސް ކާސްޓްރޯ ފާއިތުވި ހަފުތާގައި މަޤާމުން ވަކިކުރުމަށްފަހުއެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް-ނަޞްރުން ހޯމަ ދުވަހު ބަޤްދާދުގެ އަލް-ޝޯޓާ އާ ދެކޮޅަށް ކުޅުނު މެޗު 1-1 ން ވަނީ އެއްވަރު ވެފައެވެ. ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ރޮނާލްޑޯއަށް އެމެޗް ވަނީ ގެއްލިފައެވެ. އެއީ ކާސްޓްރޯގެ އިރުޝާދުގެ ދަށުން އަލް-ނަޞްރު ކުޅުނު އެންމެ ފަހު މެޗެވެ.
ހުކުރު ދުވަހު ކުޅުނު މެޗުގައި އަލް-ނަޞްރުގެ އިތުރު ގޯލްތައް ކާމިޔާބުކޮށްދިނީ 56 ވަނަ މިނިޓްގައި ސާލެމް އަލް-ނަޖްދީ އަދި 70 ވަނަ މިނިޓްގައި އެންޑަރސަން ޓަލިސްކާއެވެ. މި ދެގޯލް ޖެހުމުގައިވެސް އެހީތެރިވެފައިވަނީ ސާޑިއޯ މާނޭ އެވެ.
މިއީ މި ސީޒަންގައި އަލް-އެއްތިފާޤްގެ ފުރަތަމަ ބައްޔެވެ. ނަމަވެސް ސްޓީވަން ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅޭ އަލް-އެއްތިފާޤް އޮތީ ތާވަލްގެ ތިން ވަނައިގައެވެ. ހުކުރު ދުވަހުގެ މޮޅާއެކު އަލް-ނަޞްރުވަނީ ތާވަލްގެ ކުރިއަށް ހަތަރު ވަނައަށް ޖެހިލާފައެވެ.
ތާވަލްގެ ފަސްވަނައިގައި އަލް-އަޙްލީ އޮތް އިރު, ހުކުރު ދުވަހު އެޓީމު ކުޅުނު މެޗުގައި އިވާން ޓޯނޭ ވަނީ އޭނާގެ ސައުދީ އެރޭބިއާގައި ފުރަތަމަ ގޯލްވެސް ކާމިޔާބު ކޮށްފައެވެ.
ތާވަލްގެ އެއްވަނަގައި އޮތް އަލް-ޙިލާހް އާއި ދެވަނައިގައި އޮތް އަލް-އެއްތިހާދު އާދިއްތަ ދުވަހު ބައްދަލުކުރާނެއެވެ.
ރިއެކްޝަންސް