
ބަޔާން މިއުނިކް ދެވަނަ ބުރަށް, ރަތް ކާޑަކާއެކު ޗެލްސީއަށް އިތުރު އިންތިޒާރެއް
ޗެލްސީ ބަލިކޮށް ގްރޫޕް ޑީ ގެ ދެވަނަ ބުރަށް ފްލެންމެންގޯ ވަނީ ދަތުރުކޮށްފަ
ފީފާ ކްލަބް ވޯލްޑްކަޕްގެ ގްރޫޕް ސީގައި މިއަދު ޖަރުމަނުގެ ބަޔާން މިއުނިކާއި އާޖެންޓީނާގެ ބޮކާ ޖޫނިއާސް ބައްދަަލުކުރި މެޗު 2-1 ން ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ބަޔާން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ރޭ ޗެލްސީ އާއި ބްރެޒިލްގެ ފްލެމެންގޯ ބައްދަކުރި މެޗު 3-1 ން ކާމިޔާބު ކުރީ ފްލެމެންގޯއެވެ.
މެޗުގެ 68 ވަނަ މިނިޓްގައި ޗެލްސީގެ ނިކޮލަސް ޖެކްސަން އަތް ދެއްކި ރަތްކާޑާއެކު މެޗުގެ ބޮޑު ބައެއް ޗެލްސީ ކުޅުނީ 10 ކުޅުން ތެރިންނާއެކުއެވެ.
މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ފްލެމެންގޯ ގްރޫޕް ޑީން ދެވަނަ ބުރަށް ވަނީ ދަތުރުކޮށްފައެވެ. ނަަމަވެސް ރޭގެ ބައްޔާއެކު ޗެލްސީއަށް މިވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފައެވެ.
ބަޔާނަށް 18 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ހެރީ ކޭން އެވެ. ކޭން ވަނީ 84 ވަނަ މިނިޓްގައި ބަޔާން މެޗުން މޮޅުކޮށްދިން ގޯލް ޖެހުމަށްވެސް ފުރުޞަތު ތަނަވަސްކޮށްދީފައެވެ. ބަޔާނުގެ ދެވަނަ ގޯލް ކާމިޔާބު ކުރީ މައިކަލް އޮލިސީއެވެ. ލީޑު ނަގައިދިނުމުގައި ކޭން އަށް އެހީތެރިވީ ކިންގްސީ ކޯމަންއެވެ.
ބޮކާ ޖޫނިއާސްގެ ހަމައެކަނި ގޯލް 66 ވަނަ މިނިޓްގައި ކާމިޔާބުކުރީ މިގުއޭލް މެރެންޓިއެލް އެވެ.
މެޗަށް ނިކުއިންތާ 25 މިނިޓް ފަހުން ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާއަށް އަނިޔާވެ ވަނީ ކުޅުމާ ވަކިވެފައެވެ. މުސިއާލާގެ ބަދަލުގައި ކުޅެން ނިކުތީ ބަޔާނާއެކު ފަހު މުބާރާތް ކުޅޭ ތޯމަސް މުލާއެވެ. މުސިއާލާ މިހާރުވެސް އަންނަނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކުން ރިކަވަރ ވަމުންނެވެ.
ފިލެޑެފިއާގައި ޗެލްސީ އާއި ފްލެމެންގޯ ކުޅުނު މެޗުގައި ލީޑު ނެގީވެސް ޗެލްސީންނެވެ. 13 ވަނަ މިނިޓްގައި ޕެޑްރޯ ނޭޓޯ ކާމިޔާބުކޮށްދިން ގޯލާއެކު ޗެލްސީން ފުރަތަމަ ހާފު ނިންމާލީވެސް ކުރީގައި އޮވެގެންނެވެ.
ފްލެމެންގޯއަށް ނަތީޖާ އެއްވަރުކޮށްދިނީ 62 ވަނަ މިނިޓްގައި ބްރޫނޯ އެންރީކޭ ޕިންޓޯއެވެ. އޭގެ ތިން މިނިޓް ފަހުން ޕިންޓޯ ތަނަވަސްކޮށްދިން ފުރުޞަތުގައި ފްލެމެންގޯއަށް ލީޑު ނަގައިދިނީ ޑެނީލޯއެވެ.
ނިކޮލަސް ޖެކްސަން ކުޅެން ނިކުތީވެސް މެޗުގެ 64 ވަނަ މިނިޓްގައެވެ. ކުޅެން ނިކުއިންތާ ހަތަރު މިނިޓް ފަހުން 86 ވަނަ މިނިޓްގައި އޭނާއަށްވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ ޗެލްސީއަށް ޖެކްސަން ކުޅުން އެންމެފަހު ހަތަރު މެޗުން އޭނާ ހޯދި ދެވަނަ ރަތްކާޑެވެ.
ފްލެމްނެގޯގެ ޑިފެންޑަރު އާޓަން ލޫކަސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދެއްކި ރަތްކާޑާއެކު ޗެލްސީގެ ޓީމް 10 ކުޅުންތރިންނަށް ބަދަލުވެފައި ވަނިކޮށް ފެލްމެންގޯގެ ފަހު ގޯލް 83 ވަނަ މިނިޓްގައި ކާމިޔާބުކުރީ ވެލޭސް ޔެންއެވެ.
ނިކޮލަސް ވަނީ މެޗަށްފަހު އޭނާ ހޯދި ރަތްކާޑާ ގުޅިގެން ޓީމުގެ ފަރާތުން މައާފަށް އެދިފައެވެ.
"އަހަރެން ބޭނުން ކްލަބާއި, މުވައްޒަފުން އަދި އަަހަރެންގެ ޓީމުގެ މެމްބަރުންގެ ކައިރިން މާފަށް އެދެން. އަދި ބަލަންތިބި ޗެލްސީގެ އެންމެހާ ސަޕޯޓަރުންގެ ކިބައިންވެސް. އަހަރެންގެ ސަބަބުން ޓީމަށް ދެރައެއް ލިބުނީތީ" އޭނާގެ އިންސްޓަގްރާމްގައި ލިޔެފައި ވެއެވެ.
އަދި ގާތްގާތުގައި ހޯދި ދެ ރަތްކާޑާއެކު އޭނާގެ އަމިއްލަ ނަފްސުދެކެވެސް އޭނާ ހުރީ ރުޅިއައިސްފައި ކަމުގައި ނިކޮލަސް ލިޔެފައިވެއެވެ. އަދި އެހެން ވާންވީ ކިހިނެތްކަމެއް އޭނާއަށްވެސް ނޭނގޭ ކަމަށާއި, އެހެންނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ނޫންކަން އޭނާއަށް ޔަގީންކަމަށްވެސް ބުނެފައި ވެއެވެ.
"އަހަރެން ދައްކާނެ ބަހަނާއެއް ނެތް. އަހަރެންގެ އެ އަމަލުގެ ސަބަބުން ލިބުނު ގެެއްލުމުގެ ފުރިހަމަ ޒިންމާ ނަގަން. އެނބުރި ވަރުގަދަކޮށް އަންނާނަން. ސޮރީ! ސޮރީ! ސޮރީ!" ނިކޮލަސް ލިޔެފައި ވެއެވެ.
ރިއެކްޝަންސް






