
ރެއާލް މެޑްރިޑްގެ ލެޖެންޑް މާސެލޯ ފުޓްބޯޅައިން ރިޓަޔާކޮށްފި
ރެއާލް މެޑްރިޑް އަދި ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ރިޓާޔާކުރިކަން އޭނާ އިއުލާން ކޮށްފިއެވެ. 36 އަހަރުގެ ކުޅުންތެރިޔާ އެކަން އިއުލާންކުރީ މިއަދު މީސްމީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައެވެ.
ފުޓްބޯލައިގައި އެންމެ ކާމިޔާބު ކެރިއަރެއް ހޭދަކުރި ކުޅުންތެރިޔާ ފާއިތުވި 19 އަހަރު ވަނީ ފަސް ޗެމްޕިއަންސް ލީގާއި ހަ ލަލީގާ ކާމިޔާބުކޮށްފައެވެ.
"ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންގެ ވާހަކަ މި ނިމުނީ. އެކަމަކު ފުޓްބޯޅައަށް އަހަރެން ދޭން ބޭނުންވާ އެއްޗެހި އަދި ބައިވަރު އެބަހުރި" ކެރިއަރުގެ އުސްއަލިތައް ހިމެނޭ ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ.
ބްރެޒިލްގެ ކްލަބް ފްލަމިނީސް އިން މާސެލޯ ރެއާލްއަށް ބަދަލުވީ ޖެނުއަރީ 2007 ގައި 18 އަހަރުގެ ޓީނޭޖް ކުޅުންތެރިއެއްގެ ގޮތުގައެވެ. 15 ސީޒަނާއި ބައި ރެއާލްގައި ހޭދަކުރުމަށްފަހު 2022ގައި ރެއާލް އާއި އޭނާ ބާނަބެއު އަށް އަލްވަދާއުކީ ރެއާލްގެ 120އަހަރުގެ ދިގު ތާރީޙްގައިވެސް އޭރު އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާގެ ގޮތުގައި 25 ތައްޓާއެކުއެވެ. ރެއާލްގެ އިންސްޓަގްރާމްގައި މާސެލޯއަށް ދިން ޓްރިބިއުޓްގައި ވާގޮތުން އޭނާ އެ ކްލަބަށް 546 މެޗު ކުޅޭދީފައިވެއެވެ.
"ރެއާލް މެޑްރިޑް އަދި ފުޓްބޯޅައިގެ ތާރީޚްގައިވެސް އެންމެ މޮޅު އެއް ލެފްޓްބެކް, އަހަރެމެންނަށް އޭނާގެ މޮޅުކުޅުން އަހަރުތަކެއް ވަންދެން ފެނުމުގެ ފަޚުރު ހާސިލްކުރަން. ރެއާލް މެޑްރިޑް އަކީ އަބަދުވެސް އޭނާގެ ގެ" މެޑްރިޑްގެ ރައީސް ކަން ދިގުމުއްދަތަކަށް ކުރަމުންދާ ފްލޮރެންޓީނާ ޕެރޭޒް މާސެލޯއާ ބެހޭގޮތުން އީއެސްޕީއެން އަށް ބުނެފައި ވެއެވެ.
ބްރެޒިލްގެ ޤައުމީޓީމަށް މާސެލޯ ކުޅުނު 58 މެޗުގައި ހަ ގޯލް އޭނާ ކާމިޔާބު ކޮށްފައިވެއެވެ. ބްރެޒިލް އާއެކު ބައިނަލް އަޤުވާމީ ތައްޓެއް ހާސިލްކުރެވިފައި ނުވިނަމަވެސް 2013 ވަނަ އަހަރު އެޤައުމުގައި ބޭއްވި ފީފާ ކޮންފެޑެރޭޝަން ކަޕް އުފުލާލި ބްރެޒިލްގެ ސްކޮޑްގައިވެސް މާސެލޯ ހިމެނިފައި ވެއެވެ. އަދި 2008 އާއި 2012ގެ އޮލިމްޕިކްސް ގޭމްސްގައި ބްރެޒިލްއަށް ރިހި މެޑަލް ހާސިލްކޮށްދީފައި ވެއެވެ.
ރިއެކްޝަންސް






