23 އަހަރުން, ސަފާރީ ހިމެނޭ ގޮތަށް އެކި ސައިޒުގެ 28 ދޯނި ނިންމި އަދުރޭ
މިވަގުތުވެސް ދެ ރަށެއްގައި ސަފާރީ ދަނީ ބަންނަމުން
2000 ވަނަ އަހަރު އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތް އޭނާ ފެށީ ޔުނިވަރސަލްގެ ބައްތެލިތަކެއް ބަނުމާ ހިސާބުންނެވެ. އޭގެފަހުން ފަސް އެނބުރި ބެލުމެއް ނެތި, އެމަސައްކަތުގައި އެދަނީ ކުރިއަށެށެވެ. އޮޑިއަކަށްފަހު އޮޑިއެއް ބަނދެ ހަވާލުކުރަމުންނެވެ. އެކި ސައިޒުގެ އޮޑިދޯނިފަހަރު މަރާމާތުކޮށް ނިންމާ އިތުބާރާއެކު ހަވާލުކުރަމުންނެވެ. އެންމެ ބޮޑަތި ސަފާރީތައްވެސް ބަނދެ ނިންމާ ހަވާލުކުރަމުންނެވެ.
އެއްފަހަރާ އެތައް އުޅަނދެއް އެއް ރަށަށްވުރެ ގިނަ ރަށުގައިވެސް ބަނދެ ނިންމަމުން އިތުބާރު ހޯދަމުން މަސައްކަތުގައި އަދިވެސް އެދަނީ ކުރިއަށެވެ. ހިތްވަރާއި ޝައުގާއެކު ކުރަމުން އަންނަ މަސައްކަތަށް މިއަދު ސަރުކާރުން ދިން ހިތްވަރަކީ އިތުރު ގިޔަރެއް ޖައްސަން ލިބުނު ބާރެކެވެ. ބޯޓް ބިލްޑިންގެ ދާއިރާއިން, އޮޑިދޯނި ފަހަރު ބަނުމާއި, ޔޮޓްފަހަރު ބަނުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރު ހިތްވަރުދިނުމުގެ އިނާމް ދެއްވީ ރ.އަލިފުށި, ރީފް އަބްދުއްރަހުމާނު ޔޫސުފް (އަދުރޭ) އަށެވެ.
އިހަށް ދުވަހާ ހަމައަށް އޭނާ އައީ ކ.ކާށިދޫއާއި, ވ.ރަކީދޫއާއި, އަލީފުށީގައިވެސް ބޮޑު ސަފާރީއެއް ބަންނަމުންނެވެ. ކާށިދޫ ސަފާރީ ނިންމާ މޫދަށް ބޭލީ ދާދި ފަހުންނެވެ. ރަކީދޫގައި މިމަހު ސަފާރީ ނިންމާ މޫދަށް ބާލާނެއެވެ. އަލިފުށީގައި ސަފާރީއެއްގެ އިތުރުންވެސް އެހެން އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރަމުންނެވެ. ސަރުކާރުން މިއަހަރުގެ ގައުމީ ދުވަހު ވަޒަންކުރީ މެދުކެނޑުމެއްނެތި މިދާއިރާއިން އަދުރޭ ކުރަމުން އަންނަ މަސައްކަތުގެ އަގެވެ. އެއީ މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެކެވެ.
" 23 އަހަރުން ފަހުން އަޅުގަނޑަށް މިއަދު ގައުމީ ހިތްވަރުދިނުމުގެ އިނާމް ލިބުމުން ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވެނީ. މިއަދާ ހަމައަށްވެސް މިހުރީ މަސައްކަތުގައި ހަމަ ވަރަށް ކެރިގެން, ހިތްވަރާއެކީގައި ފައިތިލަ ސާބިތުކޮށްގެން. ބުނެލަން އޮތީ މިހިތްވަރާއެކު މަސައްކަތްކުރީމަ ކޮންމެ ކަމެއްވެސް ކާމިޔާބުވާނޭ އިރާދަކުރެއްވިއްޔާ" ގައުމީ އިނާމް ހިފައިގެން ދަރުބާރުގޭގައި ހުރެ އަދުރޭ ބުންޏެވެ.
ކިއްސަރު ވަޑާމްގެ މަޝްޙުރު ރަށް އަލިފުށިން އުފެދުނު މާވަޑި އަދުރޭގެ މަސައްކަތުގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ވަޑާމްގެ މަސައްކަތުގައި މުޅިން ދިވެހިން ބޭނުން ކުރުމެވެ. އަދި އެތައް މާވަޑިންނެއް ތައްޔާރުކުރެވުމެވެ. ހަމައެހެންމެ ކިއްސަރު ވަޑާމުގެ ތެރެއަށް އެތައް ޒުވާނުންނެއް ނެރެވުމެވެ. މިދިޔަ 23 އަހަރުގެ ތެރޭގައި 1200 އެއްހާ މުވައްޒަފުން މަސައްކަތުގައި ގެންގުޅުނު ކަމަށް އަބްދުއްރަހުމާނު ޔޫސުފްގެ މަސައްކަތުގެ ތަޢާރަފްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގައުމީ އިނާމާ ބެހޭ ކޮމިޓީން ފާހަގަކުރައްވާފައި ވެއެވެ.
ގައުމީ އިނާމް ހިފައިގެން ހުރ އަދުރޭ ބުނީ މިހސާބަށް އާދެވުމުގެ ސިއްރަކީ އަނބިދަރިން ކަމަށެވެ. އެމީހުންގެ އެހީތެރިކަން ފާހަގަކޮށް އޭނާ ބުނީ ގައުމީ އިނާމާއެކު ލިބުނު އިތުރު ހިތްވަރުން, މަސައްކަތުގައި އަދިވެސް އޮތީ ކުރިއަށް ދިއުން ކަމަށެވެ.
ރިއެކްޝަންސް