ގާބެ ސަރ "ކަރާފަޅީ"ގައި ތަޢުލީމަށްޓަކައި ފެށި ދަތުރު
ގާބެ ސަރ "ކަރާފަޅީ"ގައި ތަޢުލީމަށްޓަކައި ފެށި ދަތުރު

ގާބެ ސަރ "ކަރާފަޅީ"ގައި ތަޢުލީމަށްޓަކައި ފެށި ދަތުރު

އެސް.އެސް.ސީ ގާބެ ސަރގެ ތައުލީމީ ދަތުރުގެ ވާހަކަ

7 months ago - 16:13
Dec 12, 2023 - 16:31

މާލެ ކައިރީ ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން ދިޔަ ގާސިމް މުޙައްމަދު (އެސް.އެސް.ސީ. ގާބެ ސަރ) ހޭލައިގެން އެނުކުތީ އާންމުކޮށް އަދާކުރަމުން އަންނަ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުމަށެވެ. ނަމަވެސް އެއީ ރިސޯޓް ލައިފް ނިމުމުގެ ސިއްކަ ޖެހޭނެ ދުވަހަށް ވެދާނެ ކަމަށް ގާސިމްގެ ހިތަށް ކުޑަކޮށްވެސް ނާރައެވެ. ލިބުނީ ލޯބިވާ ދައްތަގެ ފޯނުކޯލެކެވެ. އެއާއެކު ސިކުންތުކޮޅެއްގެ ތެރޭ ހުރިހާ ކަމެއް ބަދަލުވެއްޖެވެ. ދައްތަ ދެއްވީ ރަށު ކަތީބު (އަލް މަރްޙޫމް) ޢަބްދުއްސައްތާރު އިބްރާހީމްގެ ކުރު މެސެޖެކެވެ. ރަށު ސްކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާ ހުސްވެފައިވާތީ، އެވަޒީފާއަށް ޤާސިމް އައުމަށްއެދި ކަތީބު ދެއްވި އުފާވެރި މެސެޖެވެ.

ހދ. ނޭކުރެންދޫއަށް އުފަން ގާސިމް މުޙައްމަދު (ގާބެ ސަރ) އަކީ އެންމެ ކުޑައިރުއްސުރެ ތަޢުލީމަށް ލޯބި ކުރާ މީހެކެވެ. ރޯލްމޮޑެލް އެއްގެ ގޮތުގައި ބެއްލެވީ ލޮބުވެތި ބައްޕާފުޅެވެ. ބައްޕައަކީ ނޭކުރެންދޫގައި އުފެދުނު ފުރަތަމަ މުދައްރިސެވެ. އެހެންކަމުން ގާސިމްވެސް ބެއްލެވީ ބައްޕަފަދައިން ކިޔަވައިގެން މޮޅު ޓީޗަރަކަށް ވުމަށެވެ. އުފަން ރަށުން ލިބެންހުރި އެންމެ މަތީ ތަޢުލީމެއް ހާސިލް ކުރެއްވި ނަމަވެސް ތައުލީމީ ހަޔާތް އެއަށްވުރެ އުސް ހަރުފަތަކަށް ގެންދިއުމަށް ނިންމަވައި އިތުރަށް ކިޔެވުމަށް މާލެ ފޮނުވައިދިނުމަށް މަންމަގެ އަރިހުގައި އެދިލެއްވިއެވެ. ނަތީޖާއަކަށްވީ ރަށުގައި އެންމެ ފަހުން ކިޔަވަން އޮތް އަހަރު ފެށުމުގެ ކުރިން ރަށު ސްކޫލުން ވަކިވުމެވެ. 

ނޭކުރެންދޫ ކަރާފަޅި ދޯނިން ގާސިމް މުޙައްމަދު މާލެ ދިއުމަށްޓަކައި ފެށި ދަތުރަކީ މިއަދު މުޅި ރާއްޖެއަށް މަޝްހޫރު އިސްލާމް މުދައްރިސް، އެސް.އެސް.ސީ ގާބެ ސަރ ތައުލީމު ހޯދަން ފެއްޓެވި ދިގު ދަތުރެވެ. މާލެ އައިސް އެންމެ ފުރަތަމަ ދިޔައީ އާލިޔާ ސްކޫލަށެވެ. އެހެން ނަމަވެސް އޭރު މާލޭގައި ދިރިއުޅެން ޖެހުނީ ދަތި ހާލުގައެވެ. އުޅެން ޖެހުނީ ގެއެއްގެ ނޯކަރަކަށެވެ. ސްކޫލަށް ގޮސްކިޔަވާނެ ފުރުސަތެއް ނުލިބުނެވެ.

މާލެއައި ފުރަތަމަ އަހަރު، ސްކޫލްތައް އަހަރީ ޗުއްޓީއަށް ބަންދުވުމުން ގާސިމް ބޭނުންވީ ޗުއްޓީއަށް ރަށަށް ދިއުމަށެވެ. ނަމަވެސް ރަށަށް ގޮސްފިނަމަ އަނބުރާ އައިސް ނުހުރެވޭނެ ކަމަށް ބުނެ އޭރު މާލޭގައި އުޅުނު ގެއިން ދެއްކި ބިރަށް ނުބަލައި ރަށަށް ދިއުމުގެ ނަތީޖާއަކަށްވީ ޖެހިގެން އައި އަހަރު މާލޭގައި ހުންނާނެ ތަނެއްނެތި މަގުމަތިވުމެވެ. އެހެން ނަމަވެސް ގާސިމްގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. ބުރަ މަސައްކަތާއެކުވެސް އުނގެނުމަށް ކޮންމެވެސް ވަގުތުކޮޅެއް ހޯދިއެވެ. ރޭގަނޑުގެ "ނައިޓް ކްލާސް"ތައް ކުރިއަށް ދިޔައިރު ކްލާސް ބޭރުގައި ހުރެ ފިލާވަޅުތައް އަޑު އަހަން ފެށިއެވެ. އަދި މާލޭގައި އޭރު ހިންގި މަޝްހޫރު ޚާއްޞަ ކުލާހަކަށް ކިޔަވަންދާން ފެށިއެވެ.

މާލޭގައި އުޅެންޖެހުނު ދިއިރުޅުމާއި ކިޔެވުމުގެ ކަންކަން ހުރި ގޮތުން އިތުރަށް ކުރިއަށް ދެވެން އޮތީ ފައިސާ ލިބިގެން ކަމަށް ގާސިމްއަށް ގަބޫލު ކުރެވުނެވެ. ރިސޯޓު ވަޒީފާއަށް ބަދަލުވާން ޖެހުނީ ކިޔެވުމަށް އިތުރު ފައިސާ ހޯދުން ޢަޒުމަކަށް ހަދައިގެންނެވެ. ރިސޯޓު ވަޒީފާގައި ހުއްޓާ ގާސިމަށް ލިބުނު ފޯނުކޯލު ވެގެންދިޔައީ އަނެއްކާވެސް ގާސިމްގެ ތައުލީމީ އޮޑި އޭގެ އަސްލު މިސްރާބަށް ހޭރިޔާ ކޮށްލި ފޯނު ކޯލަކަށެވެ. އެއީ ނޭކުރެންދޫ ކަތީބު އަލްމަރްޙޫމް ޢަބްދުއްސައްތާރު އިބްރާޙީމް ގެ އެދިލެއްވުމަކަށް ޤާސިމްގެ ދައްތަކުރެއްވި ފޯނު ކޯލެކެވެ. ދެއްވީ ރަށު ސްކޫލުގެ ޓީޗަރަކަށް ވުމުގެ ފުރުސަތެވެ. ޝުކުރުވެރިކަމާއެކު އެފުރުސަތުގެ ބޭނުން ގާސިމް ހިފީ ރަށުގައި ތައުލީމު ލިބެން ނެތުމުން މާލެ ގޮސް ކުރަންޖެހުނު ހިތްދަތި އިޙްސާސްތަކާއެކު ގައެވެ. ގާސިމްގެ ޢަޒުމަކަށްވީ އަމިއްލަ ރަށުގެ އެހެން ދަރިއަކު އެ ތަޖުރިބާ ކުރަން ނުޖެހި ތައުލީމުގެ ފުރުސަތު އަމިއްލަ ރަށުން ހޯދައި ދިނުމެވެ.

1994 ވަނަ އަހަރުން ފެށިގެން ނޭކުރެންދޫ ސްކޫލުގައި ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރައްވަމުން ގާސިމް ވަނީ 1996 އިން 1997 ވަނަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ޓީޗިންގ ފުރިހަމަ ކުރައްވާފައެވެ. ރަށު ސްކޫލުގައި ހުރެގެން ކިޔަވަންދާން ފުރުޞަތު ނުލިބިގެން 2007 ވަނަ އަހަރު ފާދިއްޕޮޅު ނައިފަރު މަދްރަސަތުލް އިފްތިތާހަށް ގާސިމް ބަދަލު ކުރެއްވީ އޭރު އެ ސްކޫލްގެ އެސިސްޓެންޓް ހެޑްމާސްޓަރ މުޙައްމަދު ނިޡާމް (މިހާރު ބ. ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް) ގެ އެދިލެއްވުމަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނެވެ. މަދްރަސަތުލް އިފްތިތާޙަށް ބަދަލުވިތާ 9 ވަނަ ދުވަހު އިސްލާމް ޓީޗިގް ޑިޕްލޮމާ ކޯހަށްހޮވި، ކިޔަވަން މާލެ ބަދަލުވިއެވެ. 

ދަރިވަރުންގެ މެދުގައި މަޤްބޫލު އިސްލާމް ޓީޗަރު 2011 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހެދުމަށް ފުރުސަތު ހޯދައި ސްކޫލުގެ ވެރިންގެ ހުއްދަވެސް ހޯދިއެވެ. ގާސިމް ފުރައިގެން މާލެ ދިޔައީ ހުއްދައިގެ ލިޔުން ލިބުމުން ފޮނުއްވައިދެއްވާނެ ކަމަށް ޕްރިންސިޕަލް ދެއްވި ޔަގީން ކަމާއެކުގައެވެ. ނަމަވެސް ކޯސްފެށި ސެމިސްޓަރގެ މެދުތެރެއިން އެޑިއުކޭޝަން މިނިސްޓްރީއަށް ގާސިމް ހާޒިރު ކުރިއެވެ.  އެންގެވީ ކިޔެވުމުގެ ހުއްދަ ދެވެން ނެތް ކަމަށާއި ހުއްޓާލާފައި ސްކޫލަށް ނުކުތުމަށެވެ. އަދި ނުގޮސްފިނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރު ދިނެވެ.

"ކޮން މޮޅެއް ވާނެ ކަމަށްތަ ތި ކިޔަވަނީ" އެޑިއުކޭޝަން މިނިސްޓްރީގެ އޭރުގެ ޑިރެކްޓަރ ޖެނެރަލްއެއް ވިދާޅުވި ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ގާސިމް ޚިޔާރު ކުރެއްވީ ކިޔެވުން ކުރިއަށް ގެންދަން މާލޭގައި މަޑު ކުރުމަށެވެ. ސަބަބަކީ ކިޔަވައި ދެވޭނީ ޒަމާނަށް އަންނަ ބަދަލާއެކު ކިޔަވައިގެން އަދާހަމަ ވެގެން ކަމަށް ގާސިމަށް ގަބޫލުކުރެވޭތީއެވެ. ބެޗެލާސް އޮފް ޓީޗިންގ އިސްލާމް ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ގާސިމް ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާވެސް ފުރިހަމަ ކުރައްވާފައެވެ.

ރާއްޖޭގައި ތިއްބެވި އިސްލާމް މުދައްރިސުންގެ ތެރެއިން އެންމެ މޮޅު މުދައްރިސުގެ ގޮތުގައި ދަރިވަރުންނާއި ބެލެނިވެރިން ބަލައިގެންފައިވާ ގާބެ ސަރ އަކީ ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި ނަތީޖާ ނެރުމުގައި އެއްވަނައެވެ. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގ އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ހައިސްކޫލާއި، ޢިމާދުއްދީން ސްކޫލާއި ހުޅުމާލޭ ރެހެންދި ސްކޫލަކީ އުފަންރަށް ނޭކުރެންދޫ ސްކޫލުގެ އިތުރުން ގާސިމް ކިޔަވައިދެއްވި ތައުލީމީ މުވައްސަސާ ތަކެކެވެ. ރެހެންދި ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރެއްގެ މަޤާމުގައި 6 އަހަރަށް ވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު މިހާރު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގާ ނޭޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރުގެ އެޑިއުކޭޝަން ސެކްޝަންގެ ވެރިއެއްގެ ގޮތުގައި ވަޒީފާ އަދާ ކުރައްވަމުން އަންނަ ގާސިމް އަކީ މިހާރުވެސް ގްރޭޑް 10 ގެ ދަރިވަރުން އެސް.އެސް.ސީ. އިމްތިހާނަތަށް ތައްޔާރު ކޮށްދެއްވާ އެންމެ އިސް އެދުރެވެ. އެސް.އެސް.ސީ. އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމުގެ ގޮތުން ކޮންމެ ހަފްތާ ބަންދެއްގައި ރާއްޖޭގެ ކޮންމެވެސް ރަށެއްގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އެސް.އެސް.ސީ. އިސްލާމް ކޭމްޕް މިހާރުވެސް ކުރިއަށް ގެންދެއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިސްލާމް ކޭމްޕް ކުރިއަށް ގެންގޮސްފައިވެއެވެ. 100 އަށްވުރެ ގިނަ ރަށުގައި 200 އަށްވުރެ ގިނަކޭމްޕް ހިންގަވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެސް.އެސް.ސީ އިމްތިޙާނު ހަދާ ދަރިވަރުންގެ ނަތީޖާއަށް ސީދާ ފޯކަސް ކޮށްގެން މިހާތަނަށް ހިންގުނު ކޭމްޕްތަކަކީ ރަންއަކުރުން ފަވާލެވޭފަދަ ފުރިހަމަ ނަތީޖާތަކެއް ނެރެދެވިފައިވާ ކޭމްޕްތަކެއްކަން ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޫލްތަކުގައި އިސްލާމް ކިޔަވައިދެއްވާ މުދައްރިސުންވެސް ވަނީ ފާހަގަ ކުރައްވާފައައެވެ. ގާސިމް ވިދާޅުވި ގޮތުގައި ރަށްރަށުގައި ހިންގާ ކޭމްޕްތަކަކީ ކައުންސިލް ތަކާއި ސްކޫލުތަކުގެ ބެލެނިވެރިން ފަންޑު ކޮށްގެން ހިންގާ ކޭމްޕްތަކެއް ކަމުގައެވެ.

ގާސިމަކީ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލަކަށް އެދި އަބަދުވެސް ވަކާލާތު ކުރައްވާ ޓީޗަރެކެވެ. ނަތީޖާއެއްގެ ގޮތުން ކުރިމަތިލާން ޖެހުނު ގޮންޖެހުން ތަކާއެކު ގާސިމް ވަނީ ސްކޫލުގެ ރަސްމީ ވަޒީފާ ދޫކޮށްލާފައެވެ. އަދި ކުދިންނަށް ކިޔަވައި ދިނުމަށް ހިންގާ އިސްލާމް ކޭމްޕް ހިންގުމަށް ސްކޫލްތަކަށް ގާސިމް ވަނުންވެސް 2022 ވަނަ އަހަރު އޭރު އެޑިއުކޭޝަން މިނިސްޓްރީގައި ތިއްބެވި ވެރިން މަނާކުރި ކަމަށް ގާސިމް ވިދާޅުވި. އެހެން ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ވެރިންގެ ފަރާތުން މިހާތަނަށް އެފަދަ ކަމެއް ކުރިމަތިވެފައި ނުވާކަން ގާސިމް ވަނީ އުފަލާއެކު ފާހަގަ ކުރައްވާފައެވެ. ގާސިމް ވަނީ ޑރ. އިސްމާއިލް ޝަފީޢު އެޑިއުކޭޝަން މިނިސްޓަރު ކަމާ ޙަވާލު ވުމަށްފަހު ތަޢުލީމީ ދާއިރާއަށް ގެންނަވާ ހެޔޮބަދަލުތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ސްކޫލްތަކުގެ ހިންގުން ޕްރިންސިޕަލުންނަށް ދޫކޮށްލުމަށް ނިންމެވި ނިންމުން ވަކިން ބޮޑަށް ފާހަގަ ކުރެއްވިއެވެ.

ނަތީޖާ ނެރެދޭ މޮޅު ޓީޗަރެއްގެ ގޮތުގައި ދަރިވަރުންނާއި ބެލެނިވެރިން ބަލައިގެންފާއިވާ ގާސިމް މުޙައްމަދު (ގާބެ ސަރ) ވަނީ މުދައްރިސުންނަށް ޚާއްސަ މެސެޖެއް ދެއްވާފައެވެ. ކާމިޔާބު މުދައްރިސަކަށް ވުމަށްޓަކައި އަމިއްލައަށް ކަންކަން ހޯދައި ބަލައި ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ގާސިމް ވަނީ މުދައްރިސުންނަށް ނަސޭހަތްތެރިވެފައެވެ.

ގާސިމް ފާހަގަ ކުރައްވާ ގޮތުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ލޯތްބާއި އިތުބާރުގެ އިތުރުން މި ދާއިރާއިން އޭނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބަކީ އެސް.އެސް.ސީ ހަދާ ދަރިވަރުންނަށް އެހީއެއްގެ ގޮތުން ފޮތެއް ލިޔެ ދަރިވަރުންނަށް ލިބޭނެ މަގު ތަނަވަސް ކޮށްދެވުމެވެ. އަދި އިތުރު ދެފޮތެއްގެ މަސައްކަތްވެސް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާކަން ގާސިމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން SSC Islam With Gasim Mohamed ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖްއާއި ހަމަ މިނަމުގައި ހިންގާ ޔޫޓިއުބް ޗެނަލްއަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. މިއީ ދަރިވަރުންނަށް ބޭނުންވާނެ ނުހަނު ގިނަ މެޓީރިއަލްސް ލިބެންހުރި ޕޭޖެއްކަން ފާހަގަކޮށްލެވެއެވެ.

https://www.facebook.com/islamwithgaasimsir

ކިޔަވައި ދިނުމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ލޯބި ހޯދާފައިވާ ގާބެ ސަރގެ ތައުލީ ދަތުރުގައި ރަން އަކުރުން ފަވާލެވޭ މަދަދުގާރުންތަކެއް ވެއެވެ. އެގޮތުން ގާސިމް އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ މަންމަގެ އޯގާތެރި ކަމާއި ލޯތްބެވެ. އޭގެ އިތުރުން ގާސިމްގެ ކުރީގެ އަންހެނުންނާއި ގެމަނަފުށީ ސްކޫލްގެ އެޑްމިނިސްޓްރޭޓާރ ޝާހިދު ޙޫސައިން (ޝާޑު) އާއި ހދ. ނޭކުރެންދޫ ނޫރާނީމާގެ ޙައްވާ ސިމާނާ އަދި ހދ. ނޭކުރެންދޫ ބްލޫލޫމް، ޢާއިޝަތު ސަމީހާ ވެދެއްވި އެހީތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެކަން ޝުކުރުވެރިކަމާއެކު ގާސިމް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އެސް.އެސް.ސީ އިސްލާމް ކޭމްޕް ހިންގުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކާއި ސްކޫލްތަކާއި ޕީ.ޓީ.އޭގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިންނާއި ދަރިވަރުންނަށްވެސް ގާސިމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މީގެ ތިރީސް އަހަރު ކުރިން ބޮޑުތިލަދުންމަތީ ނޭކުރެންދޫއިން ފެށި ތައުލީމީ ދަތުރުގެ މިސްރާބު މިހާރު ހުރީ މުޅި ރާއްޖެއަށެވެ. ކަރާފަޅިން ފެށި ދަތުރުގެ އަމާޒު ބަދަލެއް ނުވެއެވެ. އެއީ މޮޅު އެދުރެއްގެ ގޮތުގައި ދިވެހި ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގެ އަމާޒެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow