
އިޒްރާއިލްއިން ގަސްތުގައި ޣައްޒާ ބަނޑަށްޖެއްސުމުގެ ސަބަބުން ނިޔާވި ކުޑަކުދިންގެ އަދަދު 100 އަށް
ހައިހޫނުކަމުގައި ދުނިޔެ ދޫކުރި އަދަދު ވަނީ 217 އަށް އަރާފައި
ހައިހޫނުކަމުގައި ޣައްޒާއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަސް މީހަކު ނިޔާވެފައިވާއިރު, އިޒްރާއިލްއިން ގަސްތުގައި ޣައްޒާ ބަނޑަށްޖެއްސުމުގެ ސަބަބުން ނިޔާވި ކުޑަކުދިންގެ އަދަދު 100އަށް އަރައިފިކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީ އާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ހައިހޫނުކަމާ ގުޅިގެން ދިމާވި އެކި އެކި ސިއްހީ ކަންކަމުގައި ޣައްޒާއިން މިހާތަނަށް ވަނީ 217 މީހަކު ދުނިޔެ ދޫކޮށްފައެވެ.
މީގެ އިތުރުން އެހީ ލިބިގަތުމަށް އެހީބަހާ ސައިޓްތަކުގައި ތިބޭ މީހުންނާ ދޭ ހަމަލާތަކުގައި މިހާތަނަށް 1000އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް އދ ން ވެސް ވަނީ ބުނެފައެވެ.
ޕެރަޝޫޓްއެއްގައި މިއަދު އެއަރޑްރޮޕްކުރި އެހީގެ ޕެލެޓެއް 15 އަހަރުގެ ކުއްޖެއްގެ ގަޔަށްވެއްޓި އެކުއްޖާ ފިސްފިސްވެފައިވާކަމަށްވެސް އަލްޖަޒީރާގައި ރިޕޯޓްކޮށްފައިިވެއެވެ. އެއަރޑްރޮޕް ކުރާ އެހީފެ ޕެލެޓްތައް ޓެންޓްތަކުގެ މައްޗަށްވެއްޓި މީގެ ކުރިންވެސް ފުރާނައަށް ނުރައްކާވުގެ އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ.
އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެދާ ޤަތުލްއާންމަށް 22 މަސްވެފައިވާއިރު ހަމަލާތަކުގައި ޣައްޒާގެ 62,000 ހެެއްހާ މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ރަސްމީ ހިސާބުތައް ދައްކައެވެ.
ރިއެކްޝަންސް






