
ލޮސް އެންޖެލެސް އެފްސީއަށް ކުޅުނު ފުރަތަމަ މެޗުގައި ސަންގެ ވިދުވަރު ދައްކާލައިފި
ޓޮޓްނަމް ހޮޓްސްޕަރ ދޫކޮށް އެމެރިކާގެ މޭޖަރ ސޮކާ ލީގުގެ ކްލަބް ލޮސް އެންޖެލިސް އެފްސީ އަށް ފާއިތުވި ހަފުތާގައި ގުޅުނު ސަން ހިއުންގެ-މިން އެކްލަބަށް ކުޅުނު ފުރަތަމެ މެޗުގައި ޕެނަލްޓީ ކާމިޔާބުކޮށް ޓީމް ބަލިވިޔަ ނުދީ ސަލާމަތްކޮށްދީފިއެވެ.
ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ސަން ކުޅުމާ ގުޅުނުއިރު ނަތީޖާއަކީ 1-2 އެވެ. ނަމަވެސް ލޮސް އެންޖެލެސް އެފްސީއަށް ލިބުނު ޕެނަލްޓީ ކުޅެން ނިކުއިންތާ ވިއްސަކަމަށް މިނިޓްގެ ތެރޭގައި ކާމިޔާބުކޮށް ސަން ވަނީ ކްލަބަށް ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ.
ދެކުނު ކޮރެއާގެ ތަރި ކްލަބާ ގުޅުނުތާ ތިންވަނަ ދުވަހުގެ ތެރޭގައި ފުރަތަމަ މެޗު ކުޅެދީ އެހާއަވަހަށް ވަނީ ލީގުގައި މޮޅު ކުޅުމެއް ދައްކާނެކަަން ސާބިތުކޮށްދީފައެވެ. ޕްރިމިއަރ ލީގުގެ ޓޮޓްނަމް އާއެކު 10 އަހަރު ހޭދަކުރުމަށްފަހު ކްލަބް ދޫކޮށްލާކަން ސަން އިއުލާންކުރީ ކުއްލިއަކަށެވެ. އޭގެ ފަހުން 26 މިލިއަން ޑޮލަރުގެ އެމެރިކާ ލީގުގެ ރެކޯޑް ފީއަކަށް ސަން ވަނީ ލޮސްއެންޖެލެސް އެފްސީއަށް ބަދަލުވެފައެވެ.
"ކުޑަކޮށް މާޔޫސްވި މެޗުން ތިން ޕޮއިންޓް ނުލިބުމުން. އެކަމަކު އަހަންނަށް ހީވަނީ އެންމެންވެސް ވަރަށް މަސައްކަތްކުރިހެން. އަހަރެންގެ ފުރަތަމަ މެޗާއެކު އުފަލުން މިހުރީ. ކުރިއަށް އޮތްތަނުގައި ގިނަ ގޯލްތަކެއް ޖެހޭނެކަމަށް އުއްމީދުކުރަން" މެޗަށްފަހު ސަން ބުނެފައި ވެއެވެ.
ރިއެކްޝަންސް






