
ޣައްޒާސިޓީ ހިފުމަށް ފަލަޞްޠީނުގެ ވިއްސިހާލި ވެފައިވާ ރައްޔިތުން ދެކުނަށް ޖައްސަން ފަށައިފި
މިއީ އިޒްރާއިލްއިން ޕްލޭންކޮށްފައިވާ ގޮތަށް ޣައްޒާ ސިޓީ ހިފުމުގެ ފަހުގެ ތައްޔާރީތައް
ޣައްޒާ ސިޓީ ހިފާނެކަމަށް އިއުލާން ކުރުމަށްފަހު އެތަނުގައި ދިރިއުޅޭ ފަލަޞްޠީނުގެ ރައްޔިތުން ދެކުނަށް ޖެއްސުމުގެ މަސައްކަތް އިޒްރާއިލްގެ އަސްކަރިއްޔާއިން ފަށައިފިއެވެ.
އަރަބި ބަހުން ޔަހޫދީ ސިފައިންގެ ތަރުޖަމާނު އެންގި އެންގުމުގައި ވަނީ ދެކުނަށް ދާ ރައްޔިތުންނަށް ޓެންޓާއި ބޯހިޔާވަހިކަމަށް ބޭނުންވާ ސާމާނު ކަރެމް އަބޫ ސަލެމް އިން އދ އާއި އެހެނިހެން ބައިނަލް އަޤުވާމީ ޖަމާއަތްތަކުން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.
ނަމަވެސް ހިޔާލުތަފާތުވުމާއި ދެކޮޅުހެދުންތައް ފާޅުކޮށްފައިވާ އިޒްރާއިލްގެ މި ޕްލޭނަށް އެއްބާރުލުން ދިނުމަށް އދ ން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެކަން އެފަރާތުން ކަށާވަރުކޮށްދީފައެއް ނުވެއެވެ.
އަސްކަރިއްޔާއިން މިކަން އިއުލާންކޮށްފައިވަނީ ނަތަންޔާހޫ ޣައްޒާ ސިޓީ ހިފުމަށް ފެހި ސިގްނަލް ދިންތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އުތުރު ޣައްޒާ އެއްކޮށްހެން އިޒްރާއިލްގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު ޖެހިގެން އޮތް ޣައްޒާ ސިޓީ ހިފުމާއެކު ޣައްޒާގެ ބިމުގެ ބޮޑު ސަރަހައްދެއް އިޒްރާއިލްގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްްގެ ދަށަށް ދާނެއެވެ. މިހާރުވެސް ޣައްޒާގެ ބިމުގެ 86 އިންސައްތަ އަކީ ޣައްޒާގެ ރައްޔިތުންނަށް ދިއުން މަނާ, އަދި އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށުގައިވާ ސަރަހައްދެކެވެ.
ދެކުނުގައި މިހާރުވެސް ޣައްޒާގެ 1 މިލިއަން ރައްޔިތުން ފިތިބާރުވެގެން އެބަތިއްބެވެ. އދ ން ވަނީ އިޒްރާއިލްގެ މި ޕްލޭން ތަންފީޒުކޮށްފިނަމަ ދެކުނުގެ އިންސާނީ ހާލަތު އިންތިހާއަށް ގޯސްވެދާނެކަމުގެ އިންޒާރު ދީފައެވެ.
ރިއެކްޝަންސް






