މިދިޔަމަހު  އިޒްރާއިލް އިން ދިން ހަމަލާތަކުގައި އީރާނުގެ ރައީސް ޒަހަމްވިކަމަށް އީރާނުން ބުނެފި
އިރާންގެ ރައީސް މަސޫދް ޕެޒާޝްކިއަން

މިދިޔަމަހު އިޒްރާއިލް އިން ދިން ހަމަލާތަކުގައި އީރާނުގެ ރައީސް ޒަހަމްވިކަމަށް އީރާނުން ބުނެފި

އީރާނުން ތުހުމަތު ކުރަނީ މިއީ ސަރުކާރު ވައްޓާލަން ދިން ހަމަލާއެއް ކަމަށް

8 hours ago - 22:34
Jul 13, 2025 - 22:39

މިދިޔަ ޖޫންމަހު އިޒްރާއިލް އިން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ރައީސް މަސޫދް ޕެޒާޝްކިއަން އަށް ކުދިކުދި ޒަހަމްތަކެއް ލިބުނުކަމަށް އީރާނުގެ އޮފިޝަލަކު ހާމަކޮށްފިއެވެ. އީރާނުން ފުރަތަމަ ފަހަރަށް އެކަމާ ގުޅިގެން ވާހަކަ ދައްކާފައިވާއިރު ޖޫން 15ގައި ދިން އެ ހަމަލާގައި އެވަގުތު އީރާންގެ ޤައުމީ ސަލާމަތާބެހޭ އެންމެ  މަތީ މަޖިލީހުގެ ބައްދަލުވުމުގައި ތިބި އެހެން އިސް އޮފިޝަލުންވެސް ޒަހަމްވެފައިވާކަމަށް ވަނީ ބުނެފައެވެ.

އީރާނުން ތުހުމަތުކުރާ ގޮތުގައި ރައީސް އަވަހާރަކޮށްލަން ދިން މި ހަމަލާ އަކީ ދައުލަތުގެ ތިންބާރަށް އަމާޒުކޮށް ސަރުކާރު ވައްޓާލުމުގެ މަޤުޞަދުގައި އިޒްރާއިލްއިން ދިން ހަމަލާއެކެވެ.

"އެކަމާ ގުޅިގެން އިޒްރާއިލްއިން އޭގެ އަގު ދައްކަންޖެހޭނެ" ނަން ހާމަނުކުރަން ޝަރުތުކޮށް އޮފިޝަލް ބުނެފައިވާކަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ.

މި ހަމަލާ ދީފައިވަނީ އެދުވަހުގެ މެންދުރު ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ނިމުންތާ ކުޑައިރުކޮޅެެއްގެ ތެރޭގައި ބައްދަލުވުމަށް ހާޒިރުވި ވެރިކަން ހިންގާ ބާރާއި, ޤާނޫނު ހަދާ ބާރު އަދި ޝަރީއަތް ހިންގުމުގެ ބާރުގެ އިސްވެރިން އެއްކޮށް ތިއްބަވަނިކޮށް ކަމަށްވެސް އޮފިޝަލް ވަނީ ހާމަކޮށްފައެވެ.

Advertisement
Advertisement

އީރާނުގެ ނޫހެއްކަމަށްވާ ފާ ނިއުސް އެޖެންސީންވެސް ވަނީ 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ އިސް އޮފިޝަލުންުތަކެއް ޒަހަމްވިކަަމަށް މިއަދު ރިޕޯޓްކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި އެދުވަހުގެ ބައްދަލުވުން ބާއްވާފައިވަނީ ތެހްރާންގެ ހުޅަނގުގައި ހުންނަ އާދައިގެ ސަރުކާރުގެ އޮފީހެއްގައި ކަމުގައެވެ. އަދި އެ އިމާރާތުން ނިކުންނަށް ހުރި ދެ ފަރާތަށްވެސް މިސައިލް ހަމަލާ ދީފައިވާއިރު މުޅި އިމާރާތަށް ހަ މިސައިލް ހަމަލާ ދީފައިވާކަމަށް ބުނެފައި ވެއެވެ.

ހަމަލާއާއެކު މުޅި އިމާރާތުން ކަރަންޓް ދިޔަ ކަމަށާއި ނަމަވެސް އޮފިޝަލުން ވަނީ ކުރިންވެސް ތައްޔާރުކުރެވިފައިވާ ބިމުއަޑީގެ މަގަކުން އިމާރާތުން ސަލާމަތުން ނިކުމެފައި ކަމުގައި އެނޫހުގައި ބުނެފައި ވެއެވެ. އޭގެ ތެރޭގައި ރައީސް ޕެޒާޝްކިއަންވެސް ހިމެނެއެވެ. ސަލާމަތްވާން އުޅުމުގެ ތެރޭގައި ރައީސް ޕެޒާޝްކިއަންގެ ފަޔަށްވަނީ ކޮންމެވެސް ވަރަކަށް އަނިޔާވެފައި ކަމުގައި ނޫހުން  ވަނީ ބުނެފައެވެ.

އެހަމަލާ އާ ގުޅިގެން އިޒްރާއިލްގެ ޖާސޫސުންގެ އަތެއްވޭތޯ އީރާނުން މިހާރު އަންނަނީ ތަޙްގީގު ކުރަމުންނެވެ. އެއީ އެބައްދަލުވުން ހިނގި ތަނާއި ވަގުތު އިޒްރާއިލްއަށް އެނގިފައިވާތީ އެތެރޭގެ "ދުޝްމަނެއް" ހުރިކަމަށް އީރާނަށް ޤަބޫލުކުރެވޭތީކަމަށްވެސް ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow