
ޣައްޒާގައި އިއްޔެ ޝަހީދުކޮށްލި 112 މީހުންގެ ތެރޭގައި ބޯފެންބަލާގޮސް ތިބި ކުޑަކުދިންވެސް ހިމެނޭ
އިޒްރާއިލްއިން ގަސްތުގައި ދަނީ މިހުން ދިރިއުޅޭ ސަރަަހައްދުތަކަށް އަމާޒުކޮށް ހަމަލާ ދެމުން
ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން އަންނަ ޤަތުލްއާންމުގައި އިއްޔެ ޝަހީދުކޮށްލި 112 މީހުންގެ ތެރޭގައި ބޯފެން ހޯދުމަށް ގޮސްތިބި 6 ކުޑަކުއްޖަކުވެސް ހިމެނޭކަމަށް ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނެފިއެވެ.
ހައިހޫނުކަން އިންތިހާއަށް ގޮސް, ބަނޑަށްޖެހިފައިވާ ޣައްޒާގައި ކާބޯތަކެތީގެ އިތުރުން ބޯފެން ފޮދެއްވެސް ހޯދުމަކީ ދަތި އުނދަގޫ ކަމެކެވެ.
އިޒްރާއިލްއިން އިއްޔެ ޝަހީދުކޮށްލި މީހުންގެ ތެރެއިން 52 މީހަކު މަރާލާފައިވަނީ ޣައްޒާސިޓީގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް އިޒްރާއިލްއިން ދިން ހަމަލާތަކުގައެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ޓެންޓްތައްވެސް ހިމެނޭކަމަށް ސިއްހީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވެއެވެ.
ފެންބަލާ ގޮސް ތިބި މީހުންނަށް ދިން ހަމަލާއަކީ ނުސީރަތު ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ދިންހަމަލާއެކެވެ. އެހަމަލާގައި އެކަނިވެސް 10 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އެސަރަހައްދުން އިތުރު 16 މީހަކު ޒަހަމްވެފައިވާކަމަށްވެސް އަލް ޖަޒީރާއިން ބުނެފައި ވެެއެވެ.
ޣައްޒާއިން ވާހަކަ ދެއްކި ނޫސްވެރިޔާ ހަނީ މުހައްމަދު ބުނެފައވާ ގޮތުގައި މުޅި ޣައްޒާ މިހާރު ވަނީ ބޯފެނަށްޖެހި ބޮޑު ތަދުމަޑުކަމެއްގައެވެ. އަދި ދަތި އުނދަލުގުލުން ލިބޭ ފެންފޮދަކީވެސް ބޯން އެކަށީގެންވާވަރަށްވުރެ ބޮޑަށް ތަޣައްޔަރުވެފައި ހުންނަ ފެނެވެ.
ހަނީ ބުނީ ނުސީރަތު ސަރަހައްދުގައި ބޯފެނުގެ އިންތިޒާރުގައި ތިބޭ މީހުންނަށް ހަމަލާދިން މިއީ ފުރަތަމަ ފަހަރު ނޫން ކަމަށާއި, މީގެ ކުރިންވެސް ދިހަ ވަރަކަށް ފަހަރު ބޯފެން ހޯދުމަށް ޖަމާވެފައިވާ މީހުންނަށް އިޒްރާއިިލްއިން ހަމަލާދީފައި ވާކަމަށެވެ.
ރިއެކްޝަންސް






