
ގްލޯބަލް ސުމޫދް ފޮލޮޓީލާގެ މައިބޯޓަށް ޑްރޯން ހަމަލާއެއްދީ ރޯކޮށްލައިފި
އިންސާނީ އެހީއާއެކު ޣައްޒާ ހިޞާރު ނައްތާލުމަށް ދަތުރުކުރާ ކަނޑުގެ ލަޝްކަރު 'ގްލޯބަލް ސުމޫދް ފްލޮޓީލާ' ގެ މައި ބޯޓް 'ފެމިލީ ބޯޓް' އަށް ޑްރޯން ހަމަލާއެއްދީ ބޯޓްގެ މައި ޑޮކްގައި ރޯކޮށްލައިފިއެވެ. މިހަމަލާ ދީފައިވަނީ ރޭ 11:30 ހާއިރު އެވެ.
ޔޫނިސްގެ ކަނޑުގެ ސަރަހައްދުގައި އޮތް މި ބޯޓަކީ ޕޯޗްގަލްގެ ދިދައިގެ ދަށުން ދަތުރުކުރަމުންދާ ބޯޓެކެވެ. މިޝަންގައި ދަތުރުކުރާ ހައިޕްރޮފައިލް ގިނަ ބަޔަކު ތިބީވެސް މި ބޯޓްގައެވެ. އެއީ ގްލޯބަލް ސުމޫދު ފްލޮޓީލާގެ ސްޓިއަރިން ކޮމިޓީގެ މެމްމަރުންވެސް ހިމެނޭހެންނެވެ. އޭގެ ތެރޭގައި ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގް އާއި އޭނާއާއެކު ކުރިން މެޑްލީންގައި ހަމަ މިފަދަ މިޝަން އެއްގައި ޣައްޒާއަށް ދަތުރުކުރި ބްރެޒިލްގެ ތިއާގޯ އަވީލާގެ އިތުރުން ޖަރުމަނުގެ ޔާސްމީން އަޗަރް ވެސް ހިމެނެއެވެ. މި އެންމެންނަކީ ވެސް އިޒްރާއިލްގެ ޖަލުތަކުގައި ހައްޔަރުކޮށް އަނިޔާދިން މީހުންނެވެ.
ގްލޯބަލް ސުމޫދް ޕްލޮޓީލާ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ބޯޓްއިން 6 ބައިވެރިއަކު ދަތުރުކުރަމުން ދިޔަ ކަމަށާއި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
"އަހަރެމެންގެ ބައިވެރިންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ މިފަހަ އަމަލަކަށް އަހަރެމެން ފަހަތަަކަށް ނުޖެހޭނެ. މިއީ ސުލްހަވެރިކަމާއެކު ޣައްޒާގެ ހިޞާރު ނައްތާލާ ފަލަޞްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދިނުމަށް ހިންގޭ މިޝަން އެއް" ބަޔާނުގައި ބުނެފައި ވެއެވެ.
ބޯޓްއިން ދަތުރުކުރާ ޔާސްމީން އަޗަރް ވަނީ މިއީ ޔަހޫދީ އިޒްރާއިލްގެ ހަމަލާއެއް ކަމަށް ތުހުމަތުކޮށްފައެވެ. ބޯޓްތައް މިދިޔަމަހު 31 ގައި ބާސެލޯނާއިން ނައްޓާލުމާއެކު އިޒްރާއިލްގެ ދިފާއީ ވަޒީރު އިޒްރާިއލް ކާޓްޒް ވަނީ އެބޯޓްތަކަށް ހަމަލާދީ ޣައްޒާއާ ކައިރިވިޔަ ނުދޭނަކަމަށް ފާޅުގައި ބުނެފައެވެ.
ހަމަލާދިންއިރު ބޯޓް އޮތީ ތޫނިސްގެ އައްސޭރިއާ 150 ވަރަކަށް މީޓަރު ދުރުގައެވެ. ޑްރޯން ހަމަލާއާއެކު ޑެކުގައި ރޯވި އަލިފާން ނިއްވާލަން ފަސް މިނިޓެއްހާއިރު ހޭދަވިކަމަށް ބޯޓުން ދަތުރުކުރަމުންދާ ތިއާގޯ އަދި އޮމަރް ގެ ވީޑިއޯގައި ބުނެފައި ވެއެވެެ. އެފަރާތްތަކުންވެސް ވަނީ މިއީ އިޒްރާއިލްއިން ދިން ހަމަލާއެއްކަމަށް ތުހުމަތުކޮށްފައެވެ.
ތޫނިސްގެ ބަނދަރުން ވާހަކަދައްކަވަމުން ހިފާފަިއވާ ފަލަޞްޠީނުގެ ބިންތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ފްރާންސެސްކާ އަލްބަނީސީ ވަނީ މި ހަމަލާއަކީ ތޫނިސްގެ ސިޔާދަތާއި މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށްވެސް ވިދާޅުވެ އިންސާނީ އެހީގެ މިޝަންއަކަށް ދިން މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
ރިއެކްޝަންސް






