ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި އަނެއްކާވެސް އިޒްރާއިލްގެ ވަރުގަދަ ހަމަލާތަކެއް
ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި އާދިއްތަ ދުވަހު އިޒްރާއިލްގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ޖެނިން ރެފިއުޖީ ކޭމްޕް ކައިރީގައި ހުރި ގިނަ ގެތަކަށް އެއްފަހަރާ ބޮންއަޅާފައިވަނީ އެސަރަޙައްދުން 73 އަހަރުގެ ދޮށީ އުމުރުގެ ފިރިހެނަކު ޝަހީދުކޮށްލުމަށްފަހުގައި ކަމުގައި ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.
ފަލަޞްޠީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނިން އަށް މިއަދު ދިން ހަމަލާތަކުގެ އަޑުފައްގަނޑު މުޅި އެސަރަހައްދަށް ގުގުމާލިއެވެ. އަދި ވަރުގަދަ ހަމަލާތަކުގައި މަދުވެގެން 20 ގެ ބިމާހަމަކޮށްލާފައި ވާކަމަށްވެސް އެ އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ.
އިޒްރާއިލްގެ އަސްކަރިއްޔާއިންވެސް ވަނީ އެސަރަޙައްދުގައި ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ބުނެފައެވެ. އެހެން ފަހަރުތަކާ އެއްގޮތަށް އެއްވެސް ހެއްކެއްނެތި މިފަހަރުވެސް އަސްކަރިއްޔާއިން ބުނެފައިވަނީ "އެއީ ކުރިން ޓެރަރިސްޓުން ބޭނުންކުރި އިމާރާތްތަކެއް" ކަމަށެވެ. އަދި ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން ހުޅަނގު އައްސޭރިން 50 ޓެރަރިސްޓުން މަރާލާފައިވާނެ ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
'އަޔަން ވޯލް' ގެ ނަމުގައި ޖެނުއަރީ 19 އިން ފެށިގެން އިޒްރާއިލްގެ އަސްކަރިއްޔާއިން ދަނީ ޖެނިންގައި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ. މި ހަމަލާތައް ފަށާފައިވަނީ ޣައްޒާގައި ދެމުންދިޔަ ހަމަލާތައް އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލި ދުވަހުއެވެ.
ރިއެކްޝަންސް