
ހިފާފައިވާ ހުޅަނގު އައްސޭރީގެ ވިލެޖަކުން 3000 ޒައިތޫނިގަސް ޔަހޫދީ ސިފައިން ނައްތާލައިފި
ޒައިތޫނި ގަހަކީ ފަލަޞްޠީނުގެ ޝަހްސުގެ ރަމްޒެއް
ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަالله ކައިރީގައި އޮންނަ ވިލެޖަކުން 3000 ހެއްހާ ޒައިތޫނިގަސް މުލުން ލުހެލާ އިޒްރާއިލްގެ ސިފައިން އެގަސްތައް ނައްތާލައިފިކަމަށް ވިލެޖް ކައުންސިލް އިން ބުނެފިއެވެ.
4000 ހެއްހާ މީހުން ދިރިއުޅޭ ރާމަالله ގެ އިރު-އުތުރު އަލް-މުޤައްޔިތު އަވަށުގެ މި ޒައިތޫނި ގަސްތައް ނައްތާލުމުގެ އަމުރު އިޒްރާއިލްގެ އަސްކަރިއްޔާއިން ނެރެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޔަހޫދީ ސިފައިން ސަރަހައްދަށް އަރައިގަނެ ގާތްގަނޑަކަށް 0.2 އަކަކިލޯމީޓަރުގެ ސަރަހައްދުގައި ހުރި އެތައްހާސް ޒައިތޫނިގަސް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުލުން ލުހެލާފައެވެ.
ޒައިތޫނި ގަހަކީ ފަލަޞްޠީނުގައި އެންމެ ގިނައިން ހައްދާ އެއް ބާވަތުގެ ގަހެވެ. އެއީ ފަލަޞްޠީނުގެ ދައުލަތުގެ ޝަހްސުގެ ބައެއްކަމުގައި ފަލަޞްޠީނުގެ ރައްޔިތުން ގަބޫލުކުރާ ގަހެކެވެ.
ގަސްތައް ނައްތާލުމަށްފަހު އިޒްރާއިލްއިން ބުނެފައި ވަނީ އެގަސްތަކުގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް ނުރައްކާތެރިކަން ލިބޭކަމަށާއި, ކައިރީގައި އޮންނަ ޔަހޫދީ އާބާދީތަކަށް ދެވޭ މައި މަގު އޮންނަނީ އެ އަވަށުގެ ތެރޭގައި ކަމުން އެގަސްތަކުގެ ސަބަބުން އެތައް އުނދަގޫތަކެއް ލިބޭކަމުގައެވެ.
ޒައިތޫނި ގަސްތައް ނައްތާލި އަވަށް ފާއިތުވި ބުރާސްފަތި ދުވަހުން ފެށިގެން އޮތީ ލޮކްޑައުންގައެވެ. އެއީ އެސަރަހައްދުން ޔަހޫދީ ވަޒަންވެރިއެއްގަޔަށް ބަޑިޖެހިކަމަށް ބުނެއެވެ.
އަވަށު ކައުންސިލްގެ ދެވަނައަށް އެންމެ އިސް މަރުޒޫގު އަބޫ ނައިމް ފަލަޞްޠީނުގެ ވަފާ ނިއުސް އެޖެންސީއަށް މައުލޫމާތު ދިންގޮތުގަައި މިއަދު ހެދުނުން ފެށިގެން ޔަހުދީ ސިފައިން ވަނީ އެ ވިލެޖްގެ 30 ށްވުރެ ގިނަ ގެއަށް ވަދެގަނެ އާންމުންގެ މުދަލަށާއި އުޅަނދުތަކަށް ހަމަލާދީ ހަލާކުކޮށްލާފައެވެ.
ފަލަޞްޠީނުގެ މުހިއްމު ރަމްޒެއް ކަމަށްވާ ޒައިތޫނި ގަސްތައް އުފުރާ ނައްތާލުމަކީ ޒަމާނުއްސުރެ ޔަހޫދީ ސިފައިން މާ ގަޔާވެގެން ހިންގާ ޖަރީމާއެކެވެ. އަދި އެކަން ފަލަޞްޠީނުގެ ބިމުގެ ހުރިހާ ސަރަހައްދެއްގައި ވެސް އެމީހުން އަންނަނީ ހިންގަމުންނެވެ.
ރިއެކްޝަންސް






