މިމަހު 19 އިން ފެށިގެން އިޒްރާއިލް-ޣައްޒާގެ ހަމަލާތައް 6 ހަފުތާއަށް ހުއްޓާލަން އެއްބަސްވެއްޖެ
ޣައްޒާގައި އިޒްރާއިލްއިން ދެމުންދާ ހަމަތާއްތައް ހުއްޓާލުމަށް އިޒްރާއިލް އަދި ހަމާސްއިން އެއްބަސްވެއްޖެއެވެ.
ހަމަލާތައް ހުއްޓާލުމަށް އެބަސްވެފައިވާ ކަން އިޢުލާން ކުރެއްވީ ޤަތަރުގެ ބޮޑުވަޒީރު, ޝެއިޚް މުޙައްމަދު ބިން އަބްދުލް ރަޙްމާން ބިން ޖައްސިމް އަލް ޘާނީ އެވެ. ބުދަ ދުވަހު ޤަތަރުގެ ވެރިރަށް ދޯހާގައި އެކަން އިޢުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު ވަޒީރު ވިދާޅުވީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަންފަށާނީ ފެށޭ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ކަމުގައެވެ.
އިޒްރާއިލްއިން 15 މަސް ދުވަސްވަންދެން ޣައްޒާގައި ހިންގަމުން ގެންދިޔަ ޢުދުވާނު ހުއްޓާލުމަށް އެއްބަސްވެފައިވަނީ ޖެނުއަރީ 19 އިން ފެށިގެން 6 ހަ ހަފުތާ (42 ދުވަސް)ގެ މުއްދަތަށެވެ.
ހަމަލާތައް ހުއްޓާލާ މުއްދަތުގެ ތެރޭގައި ދެ ފަރާތުގެ އަސީރުން ބަދަލުކުރުމާ ގުޅޭގޮތުން ވެސް ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށްވެސް ދެފަރާތުންވަނީ އެއްބަސްވެފައެވެ. މި މުއްދަތުގެ ތެރޭގައި އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައިން މަޑުމަޑުން ޣައްޒާ ދޫކޮށް ދިއުމާއި ފަލަޞްޠީނުގެ ރައްޔިތުން އަނބުރާ އެމީހުންގެ ގެދޮރަށް ދިއުމުގެ ހުއްދަ ލިބޭނެއެވެ.
ދެވަނަ ފިޔަވަހި ފެށޭނީ ފުރަތަމަ ފިޔަވަހި ފެށޭތާ 16 ވަނަ ދުވަހުއެވެ. ބާކީ ތިބި އަސީރުން ދެފަރާތުން މިނިވަން ކުރުމާއި އެކު ޣައްޒާގެ ބިމުން އިޒްރާއިލް އަސްކަރިއްޔާގެ ފައުޖުތައް މި މުއްދަތު ނިމޭއިރު އެއްކޮށް ފައިބަން ޖެހޭނެއެވެ.
ނަމަވެސް ހަމަލާތައް ހުއްޓާލުމާ ގުޅޭ އެއްބަސްވުން އިޢުލާން ކުރަމުން ދިޔަ ވަގުތުވެސް އިޒްރާއިލްއިން ދިޔައީ ޣައްޒާގެ އެކި ހިސާބުތަކަށް ނުރައްކާތެރި ވައިގެ ހަމަލާތައް ދެމުންނެވެ.
އެއްބަސްވުން އިއުލާން ކުރުމުގެ ކުރިން އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެއްބަސްވުމުގެ ބައެއް ކަންކަމަށް މުޅިން އެއްބަސްވެވިފައެވެ ނުވެއެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް އިޒްރާއިލްއިން އައީ ނެޓްރިޒަމް ކޮރިޑޯ ސަރަޙައްދުން އިޒްރާއިލްގެ އަސްކަރިއްޔާގެ ފައުޖުތައް ފޭބުމާ ދެކޮޅު ހަދަމުންނެވެ.
ރިއެކްޝަންސް