
އިޒްރާއިލްއިން ޣައްޒާ ބަންދުކޮށްފައިވާތީވެ ކާނާ ތައްޔާރުކުރާނެ ގޮތެއްނެތި މެދުތެރޭ ޣައްޒާގެ ކޮމިއުނިޓީ ބަދިގެ ބަންދުކޮށްފި
ވަޤުފް އެސޮސިއޭބަން ފޮރ ވިމެން އެންޑް ޗައިލްޑްކެއަރ (ޑަބްލިއުއީއެފްއޭކިއު) އިން މެދުތެރޭ ޣައްޒާގައި ހިންގާ ކޮމިއުނިޓީ ބަދިގެ ބަންދުކޮށްފިއެވެ. ބަދިގޭގެ މުވައްޒަފުން ބުނީ ވިއްސިވިހާލިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ހޫނު ކާތަކެތި ފޯރުކޯށްދޭ އެތަން ބަންދުކުރަން މަޖުބޫރުވީ އެތަނުގައި އެއްޗެއް ކެއްކޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ.
"ކުރީގެ ހާލަތަށްވުރެ ވެސް މާ ދަށް ހާލަތަކަށް މިތަން ބަދަލުވެއްޖެ. ޣައްޒާއަށް މިހާރު އެއްވެސް އެއްޗެއް ނުވަދޭ. ކާތަކެތި ތައްޔާރުކުރާނެ އެއްޗެއްވެސް, ގޭސްވެސް, ފުށްވެސް. ހަމަ އެކައްޗެއްވެސް ނުލިބޭ. އަހަރެމެންކަހަލަ އެތައް ޖަމާއަތެއް މިހާރު މަސައްކަތް ހުއްޓާލައިފި. އެއްވެސް ބަޔަކު އަތުގަ ގޭސް ވިއަސް ދަރުވިއަސް މިހާރުނެތް. އަދި ކާތަކެތި ތައްޔާރުކުރަން ބޭނުންކުރާ ސާމާނުވެސް ނެތް" ޑަބްލިއުއީއެފްއޭކިއު ގެ ޑިރެކްޓަރު ބަތައިނާ ސުބޭ އަލްޖަޒީރާއަށް ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނީ އެމީހުން ކާބޯތަކެތި އާންމުކޮށް ފޯރުކޮށްދޭ އަންހެނުންނާއި ކުޑަކުދިން ހިމެނޭ އާއިލާތަކުން ކާބޯތަކެތީގެ އެއްވެސް މިންވަރެއް ލިބޭތޯ ކޮންމެ ދުވަހަކު އެތައް ކޯލެއް ލިބޭކަމަށެވެ. ހައިހޫނު ކަމުގައި ކުޑަކުދިން ތަޙައްމަލް ކުރަނީ އިންތިހާ ވޭނުގެ ދުވަސްތަކެއް ކަމުގައި އޭނާ ބުންޏެވެ.
ޑަބްލިއުއީއެފްއޭކިއު އިން އެމީހުންގެ ބަދިގެ ބަންދުކޮށްފައިވާއިރު އދގެ އިންސާނީ ހައްޤުތަކާބެހޭ އޮފީސް, އޯސީއެޗްއޭއިން ވަނީ ޣައްޒާގައި ހިންގާ މީގެ 10 ބަދިގެވެސް ހުރީ ބަންދުކުރަންޖެހޭފަދަ ހާލަތެއްގައި ކަމުގައި މީގެ ކުރިން ބުނެފައެވެ.
އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް މިންވަރެއް ވަނުން ހުއްޓުވާފައި އިންނަތާ މިއީ 11 ވަނަ ދުވަހެވެ.
ރިއެކްޝަންސް






