ޣައްޒާގެ އިންޑޮނީޝިއަން އަދި އަލް-އަވްދާ ހޮސްޕިޓަލްއިން މީހުން ހުސްކުރަން އިޒްރާއިލްއިން އަންގައިފި
އިންޑޮނީޝިއަން ހޮސްޕިޓަލްގައި މިހާރުވެސް ކަމާލް އަދުވާން ހޮސްޕިޓަލްއިން ބަދަލުކުރި އެތައް ބަލި މީހަކަށް ދަނީ ފަރުވާދެމުން
އުތުރު ޣައްޒާގެ އިންޑޮނީޝިއަން އަދި އަލް އަވްދާ ހޮސްޕިޓަލްއިން ވަގުތުން ވަގުތަށް މީހުން ހުސްކުރަން އިޒްރާއިލްގެ އަސްކަރިއްޔާއިން އަންގައިފިއެވެ. މި ދެ ހޮސްޕިޓަލްގައި ގިނަ ބަލިމީހުން ތިބި އިރު އެންމެ ފަހުން އިޒްރާއިލްއިން އަންދާލި ކަމާލް އަދުވާން ހޮސްޕިޓަލްއިން ބޭރުކުރި ބަލިމީހުންވެސް މިހާރު ތިބީ އިންޑޮނީޝިއަން ހޮސްޕިޓަލްގައެވެ.
އިޒްރާއިލްއިން ބަލިމީހުންނާއި, އެހީތެރިން އަދި މުވައްޒަފުން ހޮސްޕިޓަލުން ނިކުންނަށް އެންގިއިރު މިހާރުވެސް އެ ދެ ހޮސްޕިޓަލް ހުރީ ވަރަށް ނާޒުކު ހާލަތެއްގައެވެ. އދ ން ވަނީ އިޒްރާއިލްއިން ޣައްޒާގެ ސިއްޙީ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.
ހުކުރު ދުވަހުން ފެށިގެން އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައިން ވަނީ ބެއިތް ލަހިއާގައި ހުންނަ އިންޑޮނީޝިއަން ހޮސްޕިޓަލް ވަށާލާފައެވެ. ވިއްސި ވިހާލިވެފައިވާ ގިނަ ބަޔަކު ދަނީ ހޮސްޕިޓަލްގެތެރެ ބޯހިޔާވަހިކަން ހޯދުމަށް ބޭނުންކުރަމުންނެވެ.
މެދުތެރޭ ޣައްޒާގެ ދިއެރް އަލް-ބަލަޙް އިން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ހަނީ މަޙްމޫދު ބުނި ގޮތުގައި އަލް-އަވްދާ ހޮސްޕިޓަލްއިން މީހުން ހުސްކުރަންވެސް އިޒްރާއިލް އިން ވަނީ ވަކި އަމުރެއް ނެރެފައެވެ.
އިޒްރާއިލް އިން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ސިއްހީ އިންފްރާސްޓްރަކްޗަރ އެއްކޮށްހެން މިހާރުވަނީ ހަލާކުވެފައެވެ.
"އަހަރެމެން މިދައްކަނީ ވަރަށް ނާޒުކު ހާލަތުގައި ތިބި ބަލިމީޙުންގެ ވާހަކަ. އެމީހުންގެ ފުރާނަ ގުޅިފައިވަނީ ހޮސްޕިޓަލްތަކުގައި ކިރިޔާ ޙިދުމަތްދެވޭ ގޮތަށް ހުރި މެޝިންތަކާ. ބޮޑެތި ޒަޙަމްތަކާއެކު ތިބި އެތައްބަޔަކު ހޮސްޕިޓަލްތަކުގައި އެބަތިބި. ކަމާލް އަދުވާން އިން ގެނައި މީހުންނާއެކު ބަލިމީހުން ގެންދާނެ އެހެންތަނެއް ނެތް" މަޙްމޫދު ބުނެފައި ވެއެވެ.
ހޮސްޕިޓަލްތަކުގައި ޒަހަމްވެފައިވާ އެތައް ބައިވަރު ކުޑަކުދިންވެސް އެބަތިއްބެވެ. މަހްމޫދު އިތުރަށް ބުނެފައިވަނީ އިޒްރާއިލްއިން ވަނީ ހޮސްޕިޓަލްއިން ރެޑް ކްރެސެންޓް ފަދަ އެހެން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކާއި ގުޅޭނެ ހުރިހާ މަގުތަކެއްވެސް ބަންދުކޮށްފައި ކަމަށެވެ.
ރިއެކްޝަންސް