ގޯލްޑް ކަޕް ފަށައިފި, ފުރަތަމަ މެޗު ކާމިޔާބުކުރީ ފުވައްމުލައް
'އަލުން ދަނޑަށް' ޝިޢާރުގެ ދަށުން ނައިންޓީ ޕްލަސް އިން ފެށި މުބާރާތުގެ ފުރަތަމަ މެޗު ފުވައްމުލައް ސިޓީން ކާމިޔާބުކޮށްފިއެވެ.
މުބާރާތް ހުޅުވި މެޗު ފުވައްމުލައް ސިޓީން ކާމިޔާބުކުރީ ކުޑަހުވަދޫއާއި ވާދަކޮށް, 3-1 ނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ފުވައްމުލަށް ޓީމަށް ކުރިހޯދައިދިނީ ކޯފީ އެވެ. ކޯފީ އަކީ ދެވަނަ ޑިވިޝަންގައި ނިއުރޭޑިއަންޓްގައި މޮޅަށް ކުޅުނު ފޯވާޑެކެވެ. ކުޑަހުވަދޫ ޓީމުން އަހުމަދު މުއާދު ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް ދެވަނަ ހާފްގައި ދެއްކި ދެ ރަތްކާޑާއެކު އެޓީމަށް މައްސަލަތައް ކުރިމަތި ވިއެވެ.
ދެވަނަ ހާފްގައި ފުވައްމުލައް ސިޓީ އަށް ދެވަނަ ފަހަރަށް ކުރިހޯދައިދީ މެޗުގެ ނަތީޖާ އަނބުރާލީ އަލީ ޝަމާލް އަބްދުالله (ޝަންމު) އާއި މޫސާ އަޒީމް ހަސަންގެ ލަނޑުންނެވެ. ފުވައްމުލައް މުބާރާތުގައި ވާދަކުރަނީ ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ ސޮބާހު މުޙައްމަދުގެ އިރުޝާދުގެ ދަށުންނެވެ.
މުބާރާތުގައި ވާދަކުރަނީ 17 ރަށަކުންނެވެ. މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ގްރޫޕް އޭގެ ފަރެސްމާތޮޑާއާއި މީދޫ އެވެ. މިރޭ ވާދަކުރާނީ ގްރޫޕް ބީގެ މާލެ ސިޓީއާއި ތިމަރަފުށްޓެވެ.
ރިއެކްޝަންސް