
ޖޫޑް އަދި ޖޯބް ގެ ވާދަވެރިކަން ރަސްމީކޮށް ފެށިއްޖެ! މިހާރު 1-1
ފީފާ ކްލަބް ވޯލްޑްކަޕްގައި ރޭ މެކްސިކޯގެ ޕަޗޫކާގެ މައްޗަށް ރެއާލް މެޑްރިޑުން ކުރިހޯދި މެޗުގައި ރެއާލަށް ލީޑު ނަގައިދިން އިނގިރޭސި މިޑްފީލްޑަރު, ޖޫޑް ބެލިންގްހަމް, އޭނާގެ ކޮއްކޮ ޖޯބް ބެލިންގްހަމް އާ ދެމެދު ރަސްމީކޮށް ވާދަވެރިކަން ފެށުނުކަން އިއުލާންކޮށްފިއެވެ.
"އެންމެން އަހަންނާ ދިމާކުރި އޭނާ (ޖޯބް) އަހަންނަށް ވުރެ މޮޅޭ ކިޔާފަ. އެހެންވެ އަަހަރެންވެސް މިއަދު ޖެހޭނެތާ ކޮންމެވެސް ކަމެއް (ގޯލެއް ޖަހަން) ކުރަން" މެޗަށްފަހު ޖޫޑް ބުނެފައި ވެއެވެ.
އިއްޔެ ކްލަބް ވޯލްޑްކަޕްގައި ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމަންޑްއަށް ޖޯބް ވަނީ އޭނާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައެވެ. ޖޯބް ސަންޑަލޭންޑުން ޑޯޓްމަންޑާ ގުޅުނީ ކްލަބް ވޯލްޑްކަޕް ފެށެން ހަފުތާއަކަށް ވެފައި ވަނިކޮށެވެ.
މެޗުގެ ހަތްވަނަ މިނިޓުން ފެށިގެން 10 ކުޅުންތެރިންނާއެކު ކުޅުނު ރެއާލުން ޕަޗޫކާގެ ގޯލް ފޫއަޅުވާލުމަށް 37 ވަނަ މިނިޓްގައި ޖޫޑަށް ފުރުޞަތު ތަނަވަސްކޮށްދިނީ ފްރޭން ގާސިއާއެވެ. އަރްދާ ގުލާ އަދި ފެޑެރީކޯ ވަލްވާޑޭގެ އިތުރު ގޯލްްތަކާއެކު 3-1 ން މެޗު ކާމިޔާބުކޮށް ގްރޫޕް އެޗްގެ ތާވަލްގެ އެއްވަނައިގައި ރެެއާލް އޮތީ 4 ޕޮއިންޓާއެކުއެވެ.
މިއީ ބެލިންގްހަމްގެ ދެބެއިން އެއް މުބާރާތެއްގައި ގޯލްޖެހި ފުރަތަމަ ފަހަރެވެ. އަދި މިއީ ކްލަބް ވޯލްޑްކަޕެއްގައި އެއްބަނޑު އެއްބަފާ ދެބެއިން ގޯލްޖެހި ފުރަތަމަ ފަހަރުވެސް މެއެވެ.
މިހާރުގެ ޓްރާންސްފަރ މާކެޓްގެ އަގަށް ބަލާއިރު މި ދެބެއިންގެ ޖުމްލަ އަގަކީ 164 މިލިއަން ޔޫރޯއެވެ. އެއީ މިވަގުތަށް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު ދެބެއިންނެވެ. މުބާރާތް ކުރިއަށްދާގޮތުން ބެލިންގްހަމްގެ ދެބެއިން ކްލަބް ވޯލްޑްކަޕްގެ ކުއާޓަރ ގައި އެކަކު އަނެކަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މުބާރާތުގައި ކޮއްކޮ, ޖޯބް އާ ކުރިމަތިލާން ނުޖެހުނު ކަމުގައިވިއަސް, ބޭބެ ޖޫޑް މިހާރު ވަނީ އޭނާގެ ޒާތީ ވާދަވެރިކަން ކޮއްކޮއާ ދެކޮޅަށް ފަށާފައެވެ. ރެއާލަށް ބަދަލުވުުގެ ކުރިން ޖޫޑްއަކީވެސް ޑޯޓްމަންޑްގެ ކުޅުންތެރިއެކެވެ.
"އަަހަރެމެން މިހާރު 1-1, ބަލަމާ މުބާރާތުގެ ކުރިއަށް އޮތްތަނުގައި ވާގޮތެއް" ސަމާސާ ގޮތަކަށް މީޑިއާއަށް ޖޫޑް ބުނެފައި ވެއވެެ.
މުބާރާތަށް ފަހު ޖޫޑްގެ ކޮނޑުގެ ސާޖަރީއެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. 21 އަހަރުގެ ޖޫޑް 2023 ން ފެށިގެން ކުޅެމުން އަންނަނީކޮނޑަށް ލިބުނު އަނިޔާއަކާ އެކުއެވެ.
ރިއެކްޝަންސް






