ސަޕޯޓަރުންގެ އަމަލުތަކާހުރެ ބާސެލޯނާ އަށް ޔުއެފާގެ އަދަބެއް
ބާސެލޯނާ ވަނީ ޖޫރިމަނާ ކޮށްފަ: ފޮޓޯ-ބާސެލޯނާ

ސަޕޯޓަރުންގެ އަމަލުތަކާހުރެ ބާސެލޯނާ އަށް ޔުއެފާގެ އަދަބެއް

2 months ago - 18:25
Sep 27, 2024 - 18:25

ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ, އުއެފާއިން ސްޕެއިންގެ ބާސެލޯނާ 10,000 ޔޫރޯ (11,157 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކޮށްފިއެވެ. މީގެ އިތުރުން އުއެފާއިން ވަނީ ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި ބާސެލޯނާ ކުޅޭ އަވޭ މެޗުގައި ސަޕޯޓަރުންނަށް މެޗު ކުޅޭ ސްޓޭޑިއަމްއަށް ދަތުރުކުރުންވެސް މަނާކޮށްފައެވެ.

ޔުއެފާއިން ބާސެލޯނާ އަށް މި ދިން އަދަބަކީ ފާއިތުވި ހަފުތާގައި އެކްލަބުން މޮނާކޯ އާ ދެކޮޅަށް ކުޅެ 2-1 ން ބަލިވި މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނުނު ނަސްލީ  ތަފާތުކުރުންތަކާ ގުޅޭ މައްސަލައަކާ ގުޅިގެން ދީފައިވާ އަދަބެކެވެ. 

މިއަދަބާއެކު ޔުއެފާގެ އެހެން މުބާރާތްތަކުގެ އިތުރު އެއް މެޗުގައި އަވޭ ޓިކެޓް ވިއްކުންވެސް ބާސެލޯނާއަށް މަނާވާނެއެވެ. ނަމަވެސް މި އަދަބަށް އަމަލުކުރާނީ އެއް އަހަރު ދުވަހުގެ ޕްރޮބޭޝަން މުއްދަތަކަށް ފަހުއެވެ. 

މީގެ ކުރިންވެސް ސަޕޯޓަރުންގެ އަމަލުތަކާހުރެ ބާސެލޯނާ ވަނީ 25,000 ޔޫރޯ އިން ޖޫރިމަނާ ކޮށްފައެވެ. އެއީ ފާއިތުވި އެޕްރީލް މަހު ބާސެލޯނާއިން ފްރާންސް ގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލް މެޗުގައި ދިމާވި ކަންތަކާ ގުޅިގެންނެވެ. އެފަހަރުވެސް ސަޕޯޓަރުން ވަނީ އިދިކޮޅު ޓީމާ ދެކޮޅަށް ނާޒީ ސެލިއުޓް އަދި ނަސްލީ ތަފާތުކުރުމުގެ އިޝާރާތްތައް ބޭނުންކޮށްފައެވެ.

Advertisement
Advertisement

ހުކުރު ދުވަހު ޔުއެފާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބާސެލޯނާއަށް ފިޔަވަޅު އަޅާފައިވަނީ ޔުއެފާގެ ޑިސިޕްލިނަރީ ރެގިއުލޭޝަންގެ 14 ވަނަ މާއްދާގެ 2 ގެ ދަށުންކަމުގައެވެ.

ބާސެލޯނާއަށް ޔުއެފާއިން އަދަބު ދިންއިރު ސްޕެއިންގެ ހައިކޯޓުން ވަނީ މި ހިނގާ ހަފުތާގައި މަޔޯކާގެ ސަޕޯޓަރަކަށް 12 މަސްދުވަހުގެ ސަސްޕެންޑަޑް ޖަލު ހުކުމެއްވެސް އިއްވާފައެވެ. އެއީ ފެބުރުވަރީ 2023 ގައި ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއުސް އަދި ވިޔަރެއާލްގެ ސެމިއުލް ޝުލްވީޒް އާ ނަސްލީގޮތުން ދިމާކުރުމުގެ ހާދިސާއަކާ ގުޅިގެން ބެލި މައްސަލައަކާ ގުޅިގެންނެވެ.

ހައިކޯޓުގެ ނިންމުމާއެކު ލަލީގާގެ ރައީސް, ހާވިއާ ޓެބަސް ވަނީ ދަނޑުމަތީ ކުޅެމުންދާ ވަގުތު ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކުރާނަމަ ސީދާ ޖަލުގެ އަދަބުދިނުމަށް ގޮވާލާފައެވެ.

ސްޕެއިންގައި ކުޅުންތެރިންނާ ނަސްލީގޮތުން ދިމާކުރުމަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ރެއާލް މެޑްރިޑްގެ ވިނީޝިއުސް އަށް އެތައް ފަހަރެއްގެ މަތިން މިފަދަ ހާދިސާތައް އެގައުމުގައި ދިމާވެފައިވެއެވެ. މިހަފުތާގެ ތެރޭގައި ގެޓާފޭގެ ނައިޖީރިއާގެ މިޑްފީލްޑަރު ކްރިސްޓޭންޓަސް އުޝޭ އަށް ވެސް އެފަދަ ހާދިސާއެއް ކުރިމަތިވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. 

ސަސްޕެންޑަޑް ޖަލު ހުކުމަކީ މުއްދަތެއް ދިނުމަށްފަހު އެމުއްދަތުގެ ތެރޭގައި އެފަދަ ކަމެއް ތަކުރާރުވެއްޖެ ނަމަ ހުކުމް ތަންފީޒުކުރާގޮތަށް އިއްވާ ހުކުމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow