ރޮޑްރީއަށް ސީޒަން ނިމިއްޖެ
މެންޗެސްޓަރ ސިޓީގެ ސްޕެއިންގެ މިޑްފީލްޑަރ ރޮޑްރީއަށް ސީޒަންގެ ބާކީބައިގައި ނުކުޅެވޭނެކަން ޔަޤީންވެއްޖެއެވެ. ހުކުރުދުވަހުގެ ހެނދުނު ރޮޑްރީގެ ކަކުލުގެ ލިގަމެންޓް އަދި މެނިސްކަސް ސާޖަރީ ހަދާފައިވާ ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ވަނީ ބުނެފައެވެ.
28 އަހަރުގެ ރޮޑްރީއަށް އަނިޔާވެފައި ވަނީ ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުގައެވެ. 2-2 ން އެއްވަރުވި މެޗުގައި ރޮޑްރީއަށް އަނިޔާވެފައި ވަނީ މެޗުގެ 21 ވަނަ މިނިޓްގައެވެ. އާސެނަލްގެ ތޯމަސް ޕާޓޭއާ މުޑިއަރާ ލިބުނު އަނިޔާއަށްފަހު ހެދި ފުރަތަމަ ޓެސްޓްތަކުންވެސް ވަނީ ރޮޑްރީގެ ކަނާތު ފައިގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަން ޔަޤީންވެފައެވެ.
"ނަސީބު ދެރަކަމުން މިއީ އަހަރެމެންނަށް ލިބުނު އެންމެ ހިތާމަވެރި ހަބަރު. މިސީޒަން އޭނާ(ރޮޑްރީ) އަށް ނިމުނީ. އެކަމަކު ކުރިއަށް އޮތް ސީޒަންގައި އޭނާ އަހަރެމެންނާއެކު ފެންނާނެ" ކޯޗު ގާޑިއޯލާ ނޫސްވެރިނަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.
ރޮޑްރީއަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމުން މާޔޫސްވެފައި ހުރި ގާޑިއޯލާ ބުނެފައިވަނީ ރޮޑްރީއާ އެއްފަދަ ދެވަނަ ކުޅުންތެރިއަކު ނުހުންނާނެ ކަމަށާއި ރޮޑްރީގެ ބަދަލުގައި އޭނާގެ މަގާމަށް ކުޅެވޭނެ އެހެން ކުޅުންތެރިއެއްވެސް ނުހުންނާނެކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ބުނީ ފާއިތުވެ ސީޒަންގައިވެސް ރޮޑްރީނުލާ ސިޓީން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ސިޓީ ބަލިވެފައިވާ ކަމުގައެވެ.
އޭނާ ނެތްތަން ފޫބައްދަން އެހެން ހުރިހާ ކުޅުންތެރިން އެކީގައި މަސައްކަތް ކުރާނެ ކަމަށާއި, ޓީމެއްގެ ގޮތުގައި ހާޞިލްކުރަންހުރި ކަންކަށް ހާސިލްކުރަން ގަދައަޅާ މަސައަކަތްކުރާނެކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.
ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށް ސީޒަން ނިމިފައިވާއިރު އަނިޔާގެ ސަބަބުން ކެޕްޓަން ކެވިން ޑީބްރޭނާއަށް އާދިއްތަ ދުވަހު ނިއުކާސަލް އާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ނުކުޅެވޭނެއެވެ. ބެލެވޭ ގޮތުގައި ޑީބެރޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ އޮކްޓޯބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކްއަށް ފަހުއެވެ.
ރިއެކްޝަންސް