ފީފާ ބެޖް ހާސިލްކުރެއްވި ފުރަތަމަ ދިވެހި ރެފްރީ މައްލާ ޅަތުއްތު ނިޔާވެއްޖެ
މައްލާ ޅަތުއްތުގެ ފަހުގެ ފޮޓޯއެއް

ފީފާ ބެޖް ހާސިލްކުރެއްވި ފުރަތަމަ ދިވެހި ރެފްރީ މައްލާ ޅަތުއްތު ނިޔާވެއްޖެ

ނިޔާވީ ސިއްހީ ހާލު ގޯސްވެ އިންޑިޔާގައި ފަރުވާދެމުން ދަނިކޮށް

1 month ago - 15:34
Aug 15, 2024 - 20:46

ފީފާ ބެޖް ހާސިލްކުރެއްވި ފުރަތަމަ ދިވެހި ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެ އެވެ. މައްލާ ޅަތުއްތުއަކީ ރާއްޖޭގެ ކުރީގެ އެއްވަނަ ރެފްރީއެވެ.

މައްލާ ޅަތުއްތު އަވަހާރަވީ ސިއްހީ ހާލަތު ގޯސްވެ, އިންޑިޔާގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މައްލާ ޅަތުއްތު ފީފާ ބެޖް ޖައްސަވައިގެން ރެފްރީކަން ކުރެއްވީ 1990 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރަށެވެ. އެކަމަކު ރާއްޖޭގެ މުބާރާތްތަކުގައި 1969-1995 ވަނަ އަހަރުގެ ނިޔަލަށް ރެފްރީކަން ކުރެއްވިއެވެ.

މައްލާ ޅަތުއްތު ބޮޑަށް ފާހަގަވީ ރާއްޖޭގައި ރެފްރީން އުފައްދާ, ރެފްރީންގެ ކުރިއެރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރެއްވި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ތަމްރީނުވި ރެފްރީން މިއަދު ގެންދަވަނީ މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން ހިތާމަ ފާޅުކުރަމުންނެވެ.

މައްލާ ޅަތުއްތު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނި ތައުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅިވަރު ކުރިއެރުވުމުގައި ބައި ޤަރުނަށްވުރެ ގިނަދުވަހު ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށެވެ. މައްލާ ޅަތުއްތަށް ވަނީ ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާ، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާ، އަދި ދައުލަތަށް ދިގުމުއްދަތަކު ޚިދުމަތްކުރެއްވުމުގެ އިނާމާ، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ލިބިލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައްލާ ޅަތުއްތުއަކީ ޤައުމީ ޚިދުމަތުގެ ނަމޫނާ ޝަޚްޝިއްޔަތެއް ކަމަށެވެ.

Advertisement

 

މައްލާއާއެކު ރެފްރީކަން ކުރެއްވި ފީފާގެ ކުރީގެ ރެފްރީ އަދި ކުޅިވަރު ޝަހުސިއްޔަތު އިބްރާހީމް އިސްމާއީލް މިއަދު ވިދާޅުވީ މައްލާ ޅަތުއްތު އަކީ ކުޅިވަރުގެ ޝަހުސިއްޔަތެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަލީ އާޒިމް ވިދާޅުވީ މައްލާ އަކީ ރާއްޖޭގެ ފުޓުބޯޅަ އެންމެ ފޯރިގަދަ ދުވަސްވަރު ފުޓުބޯޅަ ރެފުރީކަންކުރައްވާ، ރެފުރީން ތަމްރީން ކުރުމުގައި ބޮޑު މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެއް ކަމަށެވެ. 

ސިއްހީ ހާލުކޮޅު ގޯސްވުމާ ހަމައަށްވެސް މައްލާ ޅަތުއްތު އުޅުއްވީ ވަރަށް ހަރަކާތެރިކޮށް ކުޅިވަރުގެ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވެ. ޚާއްޞަކޮށް ކުޅިވަރުގެ ހަނދާންތައް ފޭސްބުކްގައި ހިއްސާކުރައްވަމުން ގެންދެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow