ކޮލްކަތާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން އިންޑިއާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވަނީ
ސަރުކާރު ހޮސްޕިޓަލަކުން 31 އަހަރުގެ އަންހެނެއްގެ ހަށިގަނޑު ފާއިތުވެދިޔަ ހަފްތާގައި ފެނުނު ހާދިސާއަށް ފަހު އާންމު ހާލަތު ވަނީ ގޯސްވެފައި
އާރު. ޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ އަންހެން ޑޮކްޓަރެއް ރޭޕްކޮށް މަރާލާފައި އޮށްވާ ފެނުނު ހާދިސާއަށްފަހު އިންޑިއާގެ އެކި ސިޓީތަކުގެ 100 އަށްވުރެ ގިނަ ސަރަޙައްދުގައި އެތައްހާސް މީހުން މަގުތަކަށް އެއްވެ މުޒާހަރާކުރަން ފަށައިފިއެވެ.
ކަލްކަތާ އަދި އިރުމަތީ އިންޑިއާގެ ސިޓީތަކުގައި މުޒާހަރާކުރަން ފަށާފައިވަނީ 31 އަހަރުގެ ޓްރެއިނިން ޑޮކްޓަރެއްގެ ހަށިގަނޑު މިދިޔަ ހަފުތާގައި ފެނުމާއި ގުޅިގެންނެވެ. އިންޑިއާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ފެށުމާ ދިމާކޮށް ބުދަ ދުވަހުގެ ރޭ ދަންވަރު މުޒާހަރާއަށް މީހުން އެއްވީ "އެރޭ އަނބުރާ ހޯދައިދީ" ޖަހާފައިވާ ޕޯސްޓާރުތަކާއި އެކު, ރޯކޮށްފައިވާ އުއްބައްތިތައް ހިފައިގެންނެވެ. ސިއްހީ ހިދްމަތްތެރިންވެސް ވަނީ ރައްކާތެރި މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ.
މުޒާހަރާތަކުގެ ބައިވެރިންނާ ގުޅި ޖޫނިއާ ޑޮކްޓަރުން މަސައްކަތް ހުއްޓާލާ, އިންސާފު ހޯދައިދިނުމަށް ހަޅުތާލުކުރަން ފެށުމާ ގުޅިގެން އިންޑިއާގެ ގިނަ ސަރުކާރު ހޮސްޕިޓަލްތަކުގެ އިމަޖެންސީ ޚިދުމަތް ފިޔަވާ އެހެން ހުރިހާ ޚިދުމަތެއް ވަނީ މިހަފްތާގެ ކުރީކޮޅު ވަގުތީގޮތުން މެދުކަނޑާލާފައެވެ.
"މިއީ އެންމެ ރެއެއްގެ ވާހަކައެއް ނޫން. ހަމަ ކޮންމެ ރެއެއް. އަންހެނުންނަށް ކޮންމެ އިރަކު ސަލާމަތްތެރިކާއިއެކު ބޭރަށް ގޮސް އުޅުމުގެ މިނިވަންކަން އޮންނަންޖެހޭ. އެއީ މުސްތަޤުބަލުގަ އެއްވެސް އަންހެން ދަރިއެއްގެ ބެލެނިވެރިއަކު އެމީހުންގެ ދަރިން ބޭރަށްގޮސް ލަސްވެގެން, ނުވަތަ މާލަސްވެފަ ހުއްޓާ ބޭރަށް ދާންޖެހިގެން ކަންބޮޑުވާން ޖެހިގެން ނުވާނެ. އެރައްކާތެރިކަން އޮންނަންޖެހޭނެ" މުޒާހަރާގެ ބައިވެރިއަކު ޓެލްގްރާފް ނޫހާ ވާހަކަދައްކަމުން ބުންޏެވެ.
31 އަހަރުގެ ޑޮކްޓަރު މަރާލާފައި އޮށްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ. ފުލުހުން މައުލުމާތު ދޭ ގޮތުގައި މަރާލާފައިވާ މީހާ ވަނީ މަރާލުމުގެ ކުރިން ރޭޕްކޮށްފައެވެ. އަދި މިކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"މުޖުތަމަޢުއެއްގެ ގޮތުގައި އަހަރެމެންގެ މަންމައިންނާއި, ދައްތައިން އަދި އަންހެންދަރިންނާ މެދު ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކާމެދު އަހަރެމެން ވިސްނަންޖެހެއެވެ. މިކަމާ ގުޅިގެން ޤައުމު ހަލަބޮލިވަމުން ދާތަން އެބަ ފެނޭ. އަހަންނަށް އެ ހަލަބޮލިކަން އެބަ އިހްސާސް ކުރެވޭ" އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ތަޤްރީރު ކުރައްވަމުން, ނަމަވެސް ކަލްކަތާގެ މައްސަލަ އާ ގުޅޭގޮތުން ކަމަށް ވިދާޅުނުވެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވިއެވެ.
އިންޑިއާގައި އަންހެނުންނަށް ކުރާ އަނިޔާތަކުގެ މިންވަރު 2022 ގައި އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު %4 އިތުރުވެފައިވާކަމަށް ނެޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކައެވެ.
ރިއެކްޝަންސް