
ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެގޯލުން ރިޔާދް ޑާބީގައި އަލް-ނަޞްރަށް މޮޅެއް
ސައުދީ ޕްރޯ ލީގުގައި ހުކުރު ދުވަހު އަލްހިލާލް އާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާއެކު އަލް-ނަޞްރު ކާމިޔާބުކޮށްފިއެވެ. ޕެނަލްޓީ އަކާއެކު ރޮނާލްޑޯގެ ދެ ގޯލް ފެނިގެންދިޔަ މެޗު އަލް-ނަޞްރު ކާމިޔާބުކުރީ 3-1 ންނެވެ.
މެޗުން މޮޅުވި ނަމަވެސް އަލް-ނަޞްރު އަދިވެސް އޮތީ ލީގު ތާވަލްގެ ތިންވަނައިގައި 54 ޕޮއިންޓާއެކުއެވެ. އެއީ ދެވަނައިގައި އޮތް އަލް-ޙިލާލްއަށް ވުރެ ތިން ޕޮއިންޓް, އަދި ތާވަލްގެ އެނެމެ ކުރީގައި އޮތް އަލް-އިއްތިހާދަށްވުރެ 7 ޕޮއިންޓް މަދުކޮށެވެ. އަލް-އިއްތިހާދު އަދި އަލް-ހިލާލްގެ ކުރިމަތިލުން މާދާމާ އޮންނާނެއެވެ.
ހުކުރު ދުވަހުގެ މެޗުގައި އަލް-ނަޞްރަށް ލީޑު ނަގައިދިނީ އަލީ އަލް-ހަސަން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ނަގައިދިނުމަށް އެހީތެރިވި މާސެލޯ ބްރޮންޒްވިޗްއެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓްގައި އަލް-ނަޞްރަށް ލީޑުފުޅާކޮށްދިނުމަށް ރޮނާލްޑޯއަށް އެހީތެރިވީ ސާޑިއޯ މާނޭ އެވެ. ނަމަވެސް ކައުންޓަރ އެޓޭކުގައި 62 ވަނަ މިނިޓްގައި އަލް-ޙިލާލްއިން ގޯލެއްޖަހާ ނަތީޖާގެ ފަރަގު ވަނީ ކުޑަކޮށްފައެވެ. އިސްމާއިލް އަލް-އަލީ ކާމިޔާބުކޮށްދިން ގޯލް ޖެހުމުގައި އެހީތެރިވި މިލިންކޮވިޗް ސަވިޗްއެވެ.
އަލް- ނަޞްރުން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ ލިބުނު ޕެނަލްޓީ އެއްގައެވެ. 88ވަނަ މިނިޓްގައި އަލް-ޙިލާލްގެ ކުޅުންތެރިޔާ މޮއުތެބް އަލް-ހަރްބީ ގެ އަތުގައި ބޯޅައިން ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީ ރޮނާލްޑޯ ވަނީ އިތުބާރާއެކު ފޮނުވާލާފައެވެ.
ކެރިއަރުގައި 1000 ގޯލް ހަމަކުރަން ރޮނާލްޑޯ ކުރާ ދަތުރުގައި ސައުދީ ޕްރޯ ލީގުގައި ރޮނާލްޑޯ މިހާތަނަށް ވަނީ 70 ގޯލް ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު އެސްއެސްސީ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ ޓީމެއްގެ ގޮތުގައި ކުޅުމަކީ މެޗުން މޮޅުވުމަށް އެންމެ މުހިންމު ކަންތައް ކަމަށާއި, ގޯލް ޖެހުމަކީވެސް މުހިއްމު ކަމެއް ނަމަވެސް މެޗުން މޮޅުވުން އޭނާއަށް މާ މުހިއްމު ކަމަށެވެ.
"އަހަރެން ގަދައަޅާ މަސައްކަތްކުރަން ޓީމު ސައުދީ ޕްރޯ ލީގު އަދި ޗެމްޕިއަންސް ލީގުގައިވެސް މޮޅުކޮށްދިނުމަށް. އަހަރެންގެ އަމިއްލަ ރެކޯޑްތައް ހެދުމަށް ސަމާލުކަމެއް ނުދެން" ރޮނާލްޑޯ ބުންޏެވެ.
ރިއެކްޝަންސް






