
އާސެނަލް އާ ޕެލަސްގެ މެޗު 2-2 ން އެއްވަރުވެ ލިވަޕޫލްއިން ލީގު ކަށަވަރުކުރުމާ ޕޮއިންޓެއް ގާތަށް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްއިން ދެފަހަރު ފަހަތުން އަރާ ނަތީޖާއެއްވަރުކޮށް އާސެނަލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. މިއާއެކު ފަސް ސީޒަނުގައި ދެވަނަ ފަހަރަށް ޕްރިމިއަރ ލީގު ހާސިލްކުރުމާ ލިވަޕޫލް ވަނީ ޕޮއިންޓެއް ކައިރިއަށް ޖެހިލާފައެވެ.
މިހާރު އޮތްގޮތުން އެންފީލްޑްގައި އާދިއްތަ ދުވަހު ޓޮޓެންހަމް އާ ދެކޮޅަށް ލިވަޕޫލް ނިކުންނަ މެޗު އެއްވަރުކޮށްލާ ޕޮއިންޓަކުން ފުއްދާލައިގެންވެސް ލިވަޕޫލްއަށް ލީގު ކަށަވަރުވާނެއެވެ. ލީގު ތާވަލްގެ ކުރީގައި އާސެނަލް މިހާރުވެސް އޮތީ 12 ޕޮއިންޓްގެ ސާފު ލީޑެއްގައެވެ. ލީގު ލިބުމާއެކު މީގެ ކުރިން މެންޗެސްޓަރ ޔުނައިޓަޑުން 20 ފަހަރު ލީގު ހޯދާފައިވާ ރެކޯޑާވެސް ލިވަޕޫލް އަރާ ހަމަކުރާނެއެވެ.
ރޭގެ މެޗުގައި ދެޓީމުންވެސް ކުޅެން ނިކުތީ މުހިއްމު ކުޅުންތެރިން ތަކަކަށް އަރާމުކުރަން ފުރުޞަތު ދީފައެވެ. އެއީ އާސެނަލްއިން ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް އަށް ތައްޔާރު ވުމުގެ ގޮތުން, އަދި ޕެލަސްއިން އެފް އޭ ކަޕްގެ ކުރިއަށް އޮތް މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލްއިން ވަނީ ވަރަށް ކުރީކޮޅު އެންމެ ތިންވަނަ މިނިޓްގައި ލީޑް ނަގާފައެވެ. ޖަކޫބް ކިވިއޯރް ގެ ގޯލް ކާމިޔާބުކުރިތާ 25 މިނިޓްފަހުން ޕެލަސް އަށް ނަތީޖާ އެއްވަރުކޮށްދިނީ އެބެރޭޗީ އެޒް އެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް ހުރެއިން ޓިމްބަރ ހޯދައިދިން ބޯޅަ ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ލެއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްއަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ.
ނަތީޖާ އެއްވަރުކުރަން ޕްލަސްއަށް ރަނގަޅު ފުރުޞަތު ތަކެއް ލިބި, އެކަން ހާސިލްކުރެވުނީ މެޗުން ނިމެން ކައިރިވެފައި ވަނިކޮށްވެ. 83 ވަނަ މިނިޓްގައި ދެވަނަ ފަހަރަށް ޕެލަސް އަށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޖީން ފިލިއްޕޭ-މާޓެޓާއެވެ.
ރޭގެ މެޗުގައި އަނިޔާގެ ސަބަބުން އާސެނަލްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ މިކޭލް މެރީނޯ އަދި ބެން ވައިޓްވެސް ފެނިގެން ގޮސްފައެއް ނުވެއެވެ. ޗެޕްމިއަންސް ލީގުގެ ސެމީ ފައިނަލްގައި އަންގާރަ ދުވަހު އާސެނަލް ނިކުންނާނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ. ނަމަވެސް މި ދެކުޅުންތެރިންނަށް އަންގާރަ ދުވަހުގެ މެޗުގައި ކުޅެވޭނެކަށް އަދި މުޅިން ޔަޤީނެއްނޫނެވެ.
ރިއެކްޝަންސް






