
ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅޭ ތުހުމަތުތަކެއް ކުރެވިފައިވާ އިޒްދިޔާން ރައީސް އޮފީހުން ވަކިކޮށްފި
ފުރާޅުމައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅޭ ތުހުމަތުތަކެއް ކުރެވިފައިވާ އިޒްދިޔާން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ އިޒްދިޔާން މުޙައްމަދު މައުމޫން، މަގާމުން ވަކިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން މަގާމުން ވަކިކުރެއްވިކަން ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސް ޕޯސްޓެއްގައި ވަނީ އިއުލާނުކުރައްވާފައެވެ. އޭނާ މަގާމުން ވަކިކުރައްވާފައި ވަނީ, އެކަމަށް ސޯޝަލް މީޑިޔާއާއި ރޭ ޒުވާނުންތަކެއް އިސްވެ ބޭއްވި އެއްވުމުގައިވެސް ގޮވާލާފައި ވަނިކޮށެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. އަދި "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވައިފި ކަމަށްވެސް ވިދާޅުވިއެވެ. އެދެމީހުންނަކީވެސް ހާދިސާގެ ކުރިން އެއްކޮށް އެއް ގެއެއްގައި ދަންވަރުން ފެށިގެން ފަތިސް ވަންދެން އުޅުނު މީހުންނެވެ.
އިޒްދިޔާން މަގާމުން ވަކިކޮށްފައި މިވަނީ ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި ބޮޑަތި ތުހުމަތުތަކެއް ޢާއްމުން ކުރަމުން ދަނިކޮށެވެ. އެހާދިސާ ހިނގުމުގެ ކުރިން ވެއްޓުނު އަންހެން ކުއްޖާއާ އިތުރު ބަޔަކާއެކު ދަންވަރު ހަރަކާތްތެރިވާ ވީޑިއޯ ފުލުހުން އަތުގައި އެބައޮތެވެ. މައްސަލައިގެ ތަހުގީގު ގެންދާ ގޮތުން ފުލުހުންނަށްވެސް ބޮޑަތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.
ރިއެކްޝަންސް






