
ޒަކިއްޔާ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ ފިޔަވަޅު އަޅާނަން- ސީޕީ
ލަސްވަނީ މަރުވެފައި އޮތްގޮތް އެއީ އާދައިގެ ގޮތަކަށް މަރުވެފައި އޮތްކަމަށް ގަބޫލުނުކުރެވޭތީ
ނ.ހޮޅުދޫން ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. ސީޕީ މިހެން ވިދާޅުވީ ތަހުގީގާ މެދު ސުވާލު އުފައްދާ ހޮޅުދޫ ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ހަ މަސް ފަހުން ހޯމް މިނިސްޓަރ އަލީ އިހުސާންގެ އަރިހުގައި އިއްޔެ އެރަށަށް ވަޑައިގެން, ރޭ އެރަށު ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެއްވުމަށްފަހު އެވެ.
ހޮޅުދޫ ރައްޔިތުން ވަނީ ރޭ މިނިސްޓަރާއި, ސީޕީ އަދިވެސް ފުލުހުންގެ ބައެއް ވެރިންގެ ކުރިމަތީގައި ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފައްދާ އިތުބާރު ނުކުރާކަން ހާމަކޮށްފައެވެ. އަދި ތަހުގީގުގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި, އެތަހުގީގާ ގުޅިގެން ފުލުހުން ޢާއްމުކުރީ ގޯސް މައުލޫމާތު ކަމަށްވެސް ހޮޅުދޫ ރައްޔިތުން އަސަރާއެކު ހިއްސާކުރިއެވެ.
އެވާހަކަތައް އަޑުއެއްސެވުމަށް ސީޕީ ޝުޖާއު ވަނީ އެތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުގެ ތަހުގީގެއް ހިޔުމަންރައިޓްސް ކޮމިޝަނާއި, ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނުންވެސް ބަލަމުންދާތީ އެކަމުގައި އެއްބާރުލުން ދެއްވާ, އެތަހުގީގު އަވަސްކުރެއްވުމަށް ބާރު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އިހުމާލު އޮތްނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސީޕީ ވިދާޅުވީ މަރުގެ މިމައްސަލައިގެ ފުންމިނަށް ދިއުމަކީ އޭނާގެވެސް ޒިންމާއެއް ކަމަށެވެ.
"މިތަހުގީގުގައި ހައެއްކަ މަސްވަނީ މި, އެނގިލައްވާނެ ތަހުގީގައި އަޅުގަނޑުމެން ވަކިގޮތެއް ނިންމާ ވަކިގޮތެއް ހަދާނަމަ މިހާދުވަހެއް މިޔަކު ނަގާކަށް ނުޖެހޭނެ.އެހެންނަމަވެސް މީގަ ދުވަސްވެސް މިނަގަނީ މިކަމުގައި ހުރި ހައްސާސްކަމާއި, ތިދެންނެވި ގޮތަށް އަޅުގަނޑުމެންނަށްވެސް މިމަރުވެފައި އޮތްގޮތް އެއީ އާދައިގެ ގޮތަކަށް މަރުވެފައި އޮތްކަމަށް ގަބޫލުނުކުރެވޭތީ, އޭގެ ހަގީގަތް ހޯދުމަށްޓަކައި." ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ތަހުގީގު ނިންމުމަށްފަހު ފެންނަ އެއްޗެއް ހާމަކުރާނެ ކަމަށެވެ. މީގެއިތުރުން ސީޕީ ވަނީ ހޮޅުދޫ ރައްޔިތުންނަށް އިތުބާރު ކުރެވޭ, ރައްޔިތުންނާ ގުޅިގެން މިވަގުތު މަސައްކަތްކުރެވޭނެ ޤާބިލް ފުލުހުން އެރަށަށް ފޮނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޒަކިއްޔާ ފުން ބޮޑަތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ދިރިއުޅޭ ގޭގެ ގުދަނެއް ކައިރިންނެވެ. ހޮޅުދޫ ރައްޔިތުން ފާޅުގައި ބުނަމުން ދަނީ ޒަކިއްޔާ ވަނީ މަރާލާފައި ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުން މިހާތަނަށް ބުނެފައިވަނީ މީހެއްގެ އަތެއް އެމަރުގައި އޮތްކަމަށް ފާހަގަނުކުރެވޭ ކަމަށެވެ.
ރިއެކްޝަންސް






