
އިޒްރާއިލްއިން ގްރޭޓާ ތަމްބާގް ވަގަށްނެގުމަށްފަހު ޑީޕޯޓްކޮށްފި, އެހެން ބައެއް ބައިވެރިން ބަންދުގައި
ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގް އިޒްރާއިލްއިން ވަގަށްނެގުމަށްފަހު އަންގާރަ ދުވަހު އެޤައުމުން ޑީޕޯޓްކޮށްފިއެވެ. އިޒްރާއިލްގެ ހާރިޖީ ވުޒާރާއިން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
މަތިންދާބޯޓެއްގައި ގްރޭޓާ އިންދާ ނަގާފައިވާ ފޮޓޯއަކާއެކު މީގެ ގަޑިއެއްހާއިރު ކުރިން އިޒްރާއިލްގެ ހާރިޖީ ވުޒާރާއިން އެކްސްގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގްރޭޓާ މިހާރު އިޒްރާއިލްއިން ފުރާފައިވާ ކަމަށާއި, ސްވިޑެން އަށް ދިއުމުގެ ކުރިން އޭނާ ފުރަތަމަ ދާނީ ފްރާންސަށް ކަމަށެވެ.
އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރި ބޯޓް 'މެޑްލީން' އިން ދަތުރުކުރި ބައިވެރިން ތަމްސީލްކުރާ ގްރޫޕް 'އަދާލާ" އިން ބުނި ގޮތުގައި ގްރޭޓާއާއި އެހެން ދެ އެކްޓިވިސްޓަކަާއި ނޫސްވެރިއެއް ޑީޕޯޓްވުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް ޑީޕޯޓްވާން އިންކާރުކުރި އެހެން އެކްޓިވިސްޓުން އިޒްރާއިލްގެ ބަންދުގައި ތިބި ކަމަށާއި އެމީހުންގެ މައްސަލަތައް އިޒްރާއިލްގެ އިދާރާތަކަށް ފޮނުވާފައިވާކަމަށްވެސް ގްރޫޕުން ބުނެފައިވެއވެެ.
ގްރޭޓާއަކީ ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން މެޑްލީންގައި ދަތުރުކުރި 12 ބައިވެރިންގެ ތެރެެއިން އެކަކެވެ
އިޒްރާއިލްއިން މެޑްލީންއާއި އެއިން ދަތުރުކުރި 12 ބައިވެރިން ހޯމަ ދުވަހު ފަތިހު ވަގަށްނެގީ ޣައްޒާއާ 200 ވަރަކަށް ނޯޓިކަލް މޭލު ބޭރުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުންނެވެ. އިޒްރާއިލްގެ ކަނޑުގެ ސިފައިން ގެ ބެލުމުގެ ދަށުން މެޑްލީން އާއި ބައިވެރިން އިއްޔެ ހަވީރުގެ ވަގުތެއްގައި ވަނީ އަޝްދޮދް ބަނދަރަށް ގެންގޮސްފައެވެ.
ރިއެކްޝަންސް






