
އާޖެންޓީނާއިން ދެން މެސީ އަށް ބަރޯސާނުވާނެ: ކޯޗު ސްކަލޯނީ
އާޖެންޓީނާގެ ޓީމަށް ލަޔަނަލް މެސީ އާ ނުލާ އުޅެން ދަސްވެއްޖެ ކަމަށާއި, ދެން މެސީއަށް ބަރޯސާނުވާނެކަމަށް ކޯޗު ލަޔަނަލް ސްކަލޯނީ ބުނެފިއެވެ.
ސްކަލޯނީ މިހެން ބުނެފައިވަނީ ބުދަ ދުވަހު ވޯލްޑްކަޕް ކޮލިފައިންސްގައި ކޮލަމްބިއާ އާ ދެކޮޅަށް އާޖެންޓީނާ ނިކުންނަ މެޗަށް އިންޓަރ މަޔާމީގެ ފޯވާޑް އާޖެންޓީނާގެ ޓީމަށް ކުޅެން ހުސްނުވާތީ އެކަމާ ގުޅިގެންނެވެ.
2005 ން ފެށިގެން އާޖެންޓީނާގެ ސީނިއަރ ޓީމަށް ކުޅެމުން އަންނަ މެސީ ވަނީ އެގައުމަށް ކުޅެދިން 192 މެޗުން 112 ގޯލް ކާމިޔާބުކޮށްދީފައެވެ. އާޖެންޓީނާގެ ޤައުމީޓީމާއެކު 2022 ގެ ވޯލްޑްކަޕްގެ އިތުރުން 2008 ބެއިޖިންގް އޮލިމްޕިކްސްގައިވެސް މެސީ ވަނީ އާޖެންޓީނާއަށް ރަން މެޑަލް ހޯދައިދީފައެވެ. މީގެ އިތުރުން އާޖެންޓީނާއަށް ދެފަހަރު ކޮޕާ އެމެރިކާ ހޯދައިދިނުމުގައި ވެސް މެސީގެ ދައުރު ބޮޑެވެ.
ކޮލިފައިންސްގައި އެންމެ ފަހުން އާޖެންޓިނާއިން 1-0 ން އުރުގުއާއީ އަދި 4-1 ބްރެޒިލް ބަލިކުރި މެޗުގައިވެސް އަނިޔާގެ ސަބަބުން މެސީ ފެނިގެން ގޮސްފައެއް ނުވެއެވެ.
މިދިޔަ މަހު އަނިޔާއިން އެނބުރި އައިސް ޓީމާ ގުޅުމަށްފަހު ފާއިތުވި ހަފުތާގައި 1-0 ން ޗިލީ ބަލިކުރި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ފެނިގެން ގޮސްފައި ވެއެވެެ.
"ޓީމު މިވަގުތު އޮތީ ލިއޯ (މެސީ) އާ އެކުވިއަސް ނުވަތަ ނުލާވިއަސް ކުޅެވޭ ފެންވަރުގައި. ކުރިން އެހާލަތު ތަފާތު ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެ. އަހަރެމެންނަށް މިހާރު އެ މުހިއްމު ކަމެއްނެތް. ޓީމު ޓީމެއްގެ ގޮތުގައި ކުޅޭނެ" މެޗުގެ ކުރިން ނޫސްވެރިން ކުރި ސުވާލުތަަކަށް ޖަވާބުދެމުން ސްކަލޯނީ ބުނެފައި ވެއެވެ.
އުތުރު އެމެރިކާ ބައްރުން އާޖެންޓީނާ މިހާރުވެސް ވަނީ އަންނަ އަހަރު އޮންނަ ވޯލްޑްކަޕަށް ކޮލިފައި ވެފައެވެ. ކޮލަމްބިއާ އޮތީ ބައްރުގެ 6 ވަނައިގައެވެ. މި މެޗު ކޮލަންބިއާ ކާމިޔާބު ކޮށްފިނަމަ އޮޓޮމެޓިލް ކޮލިފިކޭޝަންގެ ފަހު މަޤާމް ގައި ހަތްވަނައިގައި އޮތް ވެނެޒުއޭލާއާއި އޮތް ޕޮއިންޓްގެ ފަރަގު ބޮޑުކުރެވޭނެއެވެ.
ސެޕްޓެމްބަރު މަހު އެންމެ ފަހުން މި ދެ ޓީމް ވޯލްޑްކަޕް ކޮލިފައިންސްގައި ބައްދަލުކު ކުރި މެޗުގައި ކޮލަމްބިއާއިން ވަނީ 2-1 ން އާޖެންޓީނާ ބަލިކޮށްފައެވެ.
ރިއެކްޝަންސް






