މެންބަރު އިއްބެ ދެއްވާ ޢުމްރާ ދަތުރު ހޯދަން ނަން ހުށަހެޅުމަށް ހުޅުވާލައިފި
އިއްބެ ވިދާޅުވީ ދެކުނު ދާއިރާގެ ކޮންމެ އަވަށަކުން 2 ބޭފުޅަކަށް ޢުމްރާ ދަތުރު ދެއްވާނެ ކަމަށް.
ފުވައްމުލަކު ދެނުކުދާއިރާގެ މެންބަރު އިބްރާހީމް ހުސައިން، އިއްބެ ދާއިރާގެ ރައްޔިތުންނަށް ދެއްވާ ޢުމްރާ ދަތުރަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މެންބަރު އިއްބެ ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގައި ހިމެނޭ ކޮންމެ އަވަށަކުންވެސް 2 ބޭފުޅަކު ކޮންމެ އަހަރަކުވެސް ޢުމްރާއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރާއި 2025 ދިނުމަށް ހަމަޖެހިފައިވާ ބޭފުޅުން ކަމަށެވެ.
"އަޅުގަނޑު ނިންމާފައިވަނީ އަޅުގަނޑުގެ މެންބަރު ކަމުގެ ދައުރުގެ 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ކޮންމެ އަވަށަކުން 2 ބޭފުޅަކު އުމްރާއަށް ފޮނުވަން. އެހެންވީމަ މިއަހަރު ދޫޑިގަމުން 4 ބޭފުޅަކު އަދި ފުނާޑުން 4 ބޭފުޅަކަށް މިފަހަރު ފުރުސަތު ލިބިގެންދާނެ އިންޝާﷲ" ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.
އިއްބެ ވިދާޅުވީ ޢުމްރާ ދަތުރަށް ހުށަހެޅުމުގެ ފުރުސަތު ދާއިރާގެ ރައްޔިތުންގެ ތެރެއިން ޢުމރުން 18 އަހަރު ވެފައިވާ ކޮންމެ ބޭފުޅަކަށް ކުރިމަތިލެވޭނެއެވެ. އެހެން ނަމަވެސް އޭނާގެ އާއިލާގެ ބޭފުޅުންނަށް މި ޢުމްރާ ދަތުރަށް އެދި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އިއްބެ ވިދާޅުވީ އާއިލާގެ ގޮތުގައި ބަލާނީ އިއްބެއާ އެއްބަނޑު އެއްބަފާ އަދި އިއްބެއަށް ބޮޑުބޭބެ ކިޔާ ހިސާބުގެ އާއިލީ އެއްވެސް ބޭފުޅަކަށް މި ފުރުސަތު ނޯންނާނެ ކަމަށެވެ.
އިއްބެ ވިދާޅުވީ ޢުމްރާ ދަތުރަށް އެދި ފޯމު ހުށަޅަންވާނީ ގޫގުލް ފޯމު މެދުވެރިކޮށް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިން ކަމަށެވެ.
ފޯމު ހުށަހަޅުއްވާއިރު ކޮންމެ ބޭފުޅަކުވެސް ގުޅޭނެ ފޯނު ނަންބަރާއި އައިޑީ ކާޑު ހުށަހަޅަންވާނެ ކަމަށް އިއްބެ ވިދާޅުވިއެވެ.
އިއްބެ ވިދާޅުވީ ފޯމު ހުށަހަޅާ މުއްދަތު ހަމަވުމުން ގުރުއަތު ނެގުން ބާއްވާނީ ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ހާޒީރުގައި ކަމަށާއި އެކަމަށް ބާއްވާ ހަފްލާ އޮންނާނެ ތާރީޚު ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރައްވާނެ ކަމަށެވެ.
އެންމެންގެ އިބްގެ، ޢުމްރާ ވައުދު:
ޝަރުތު:
ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ ރައްޔިތަކަށް ވުން.
31 ޑިސެންބަރ 2025 ގެ މީލާދީ ގޮތުން ޢުމުރުން 18 އަހަރު ވެފައި ވުން.
އިއްބެގެ އާޢިލާ މީހެއް ކަމުގައި ނުވުން. (އާއިލާ އަކީ: އިއްބެއާ އެއްބަނޑު، އެއްބަފާ، އިއްބެއަށް ބޮޑުބޭބެ ކިޔާ ކުދިން)
ފޯމު ހުށަހެޅުމުގެ ސުންގަޑި: 12 ފެބްރުއަރީ 2026 ގެ 23:59
ރިއެކްޝަންސް









