
ފަރުމުލި މާފަރު އިހުތިޞާސުން ނެގީ އެރަށު ރައްޔިތުންގެ މަޝްވަރާއާއެކު, އެއީ އެރަށު ރައްޔިތުން އެދޭގޮތް- ހުސްނީ
މެމްބަރު އައްބާސް ވިދާޅުވީ މާފަރުގެ އިހްތިސޯސް އެރަށް އިން ވަކި ކުރުމަކީ ކުރެވިގެން ވާނެ ކަމެއްނޫން ކަމަށް
ފަރުމުލި ނ.މާފަރު އިހުތިޞާސުން ނެގީ އެރަށު ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއެކު ކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ. މާފަރު އިހުތިޞާސުން މާފަރު ނެގުމުން އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދުދެއްވާ އޭނާގެ ފޭސްބުކްގައި ވިދާޅުވީ އެއީ މާފަރު ރައްޔިތުން އެދޭގޮތް ކަމަށެވެ.
ނ.މާފަރު ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަކީ، މާފަރު ރައްޔިތުން ނުހަނު އެދޭކަމެއް ކަމަށާއި, ރިސޯޓް ތަރައްޤީކުރުމަށް މާފަރުގެ އިހްތިޞާސް އަށް މިބަދަލު ގެނައީ މާފަރު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
" ان شاء الله ،ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެ ވަޑައިގެންނެވި ގޮތަށް، މި ދައުރުގެ ތެރޭގައި މާފަރު ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރެވޭނެ." މާފަރު ހިމެނޭ މަނަދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
އެކަމަކު ސަރުކާރުގެ މިނިންމެވުމާ ގުޅިގެން ނ.ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އޭނާ ވިދާޅުވީ ނ.މާފަރު ފަޅު ތެރޭގައި އޮތް ފަރުމުލި އަދި ކަނޑންމާހުރާ ނ.މާފަރުގެ އިހްތިސޯސް އިން ވަކި ކުރުމަކީ ކުރެވިގެން ވާނެ ކަމެއްނޫން ކަމަށެވެ. "މިގޮތަށް ރަނގަޅު އާންމުދަނީއެއް ލިބިދާނެހެން ހީވާ ކޮންމެ ތަނެއް ރައްރަށުގެ އިހްތިސާސް އިން ބައިބައަށް ވަކި ކުރުމަކީ ލާމަރުކަޒީ ޤާނޫނައް އަރައިގަތުން. ރަށުކައުންސިލްތައް ޕެރަލައިޒް ކުރުން. ރައްޔިތުންގެ ނަފާވެރިކަން ނައްތާލުން." ފޭސްބުކްގައި އޭނާ ވިދާޅުވިއެވެ.
"ފަރުމުލި" އަކީ މާފަރުގެ ބައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ކަނޑައެޅުއްވީ މިއަދުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން "ފަރުމުލި" އާއި "ކަނޑިންމާހުރާ" މާފަރުގެ އިހުތިޞާސްގެ ތެރޭގައި ހިމެއްނުވީ މިދިޔަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވީ ފަރުމުލި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައެވެ.
ރިއެކްޝަންސް






