
މިލިއަނެއްހާ އަފްޤާނިސްތާނުގެ ރައްޔިތުން އާދިއްތަ އާ ހަމައަށް އީރާނުން ފައިބަން އަންގައިފި
ދެވަނަ ގޮތަކީ އީރާނުގެ ހައްޔަރަށް ދިއުން
އީރާނަން ހިޖުރަކޮށްގެން ދިރިއުޅޭ އަދި ރެފިއުޖީންގެ ގޮތުގައި އީރާނުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ މިލިއަނެއްހާ ރައްޔިތުން އާދިއްތަ ދުވަހާ ހަމައަށް އީރާނުން ފައިބަން އެގައުމުގެ ސަރުކާރުން އަންގައިފިއެވެ. އީރާނުގެ ސަރުކާރުގެ އަމުރުގައި ވަނީ އެ އެންގުމާ ހިލާފަށް އީރާނުގައި ތިބޭ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އޮތް އަދަބަކީ ޖަލެވެ.
އާދިއްތަ ދުވަހަކީ އީރާނުން ކުރިންވެސް ކަނޑައަޅާފައިވާ އެންގުމުގައިވާ ދުވަހެވެ. މި އެންގުން އަންގާފައިވަނީ އިޒްރާއިލްއާއި އީރާނާ ދެމެދު ފާއިތުވި ޖޫން މަހު ކުރިއަށްދިޔަ 12 ދުވަހުގެ ހަނގުރާމަ އާ ގުޅިގެން އުފެދިފައިވާ ސަލާމަތީ ސަބަބުތަކާ ގުޅިގެންނެވެ.
އީރާނުގެ މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ސަލާމާތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެހާ ގިނަ ބަޔަކު އަނަބުރާ އަފްޣާނިސްތާނަށް ފޮނުވާލުމަކީ އެތަނުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރުވެސް އެޖަމާއަތްތަކުން ވަނީ ދީފައެވެ.
އީރާނަކީ އަފްޣާނިސްތާނުގެ 4 މިލިއަނެއްހާ ހިޖުރަވެރިން ދިރިއުޅޭ ގައުމެކެވެ. އަދި އޭގެ ތެރެއިން ގިނަބަޔަކު އީރާނުގައި ދިރިއުޅޭތާ މިހާރު 10 އަހަރަށްވުރެ ވަނީ ގިނަދުވަސްވެފައެވެ.
2023 ގައިވެސް ތެހްރާނުން ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީން ގައުުމުން ފައްސާލުމެގެ ކެމްޕޭނެއް ފެށިއެވެ. މިއަހަރުގެ މާޗު މަހުވެސް އީރާނުގެ ސަރުކާރުންވަނީ އެގައުމުގައި ތިބިމުގެ ހުއްދަ ނެތް ހުރިހާ އަފްޣާން ރައްޔިތުން އީުރާން ދޫކޮށް ދިއުމަށް އަންގާފައެވެ. ނަމަވެސް މިފަހަރުގެ އެންގުމުގައިވަނީ އެއާ ހިލާފަށް ތިބޭ ފަރާތްތައް ހައްޔަރުކުރާނެ ކަމަށް ބުނެފައެވެ.
އޭގެ ފަހުން 700,000 އަށްވުރެ ގިނަ އަފްޣާން ރައްޔިތުން އީރާނުން ފައިބާފައިވާއިރު އޭގެ ތެރެއިން 230,000 މީހުން އީރާން ދޫކޮށް ދިޔައީ ފާއިތުވި ޖޫން މަހު ކަމުގައި އދ ގެ ހިޖުރަވެރިންގެ ޑޭޓާ ބަލަހައްޓާ އޮފީހުން ބުނެފައި ވެއެވެ.
އަފްޣާނިސްތާން ދޫކޮށް އީރާނަށް ހިޖުރަކުރާ މީހުންނަކީ ހަނގުރާމަ އާއި ފަޤީރުކަމުން ސަލާމަތްވުމަށާއި ޠާލިބާނުންގެ ސަރުކާރުން ފިލުމަށް އެގައުމު ދޫކޮށްދާ މީހުންނެވެ.
ރިއެކްޝަންސް






