އިޒްރާއިލްއިން ލުބުނާނަށް ބާރުގަދަ ވައިގެ ހަމާލާތަކެއް, މުޅި ލުބްނާން ބިރުވެރިކަމެއްގެ ތެރޭގައި
އިޒްރާއިލްއިން ބާރުގަދަ ވައިގެ ހަމަލާތަކެއް ލުބުނާނަށް ދޭން ފަށައިފިއެވެ. ބުރާސްފަތި ދުވަހު ދިން ހަމަލާތަކާއެކު އެސަރަޙައްދުގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރާއެކު ލުބުނާންގެ ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ.
އިޒްރާއިލްއިން ހަމަލާތައް ދީފައިވަނީ ލުބްނާންގެ ޓައުންތައް ކަމަށްވާ މަޙްމޯދިއެޙް, ކަސަރް އަލް އަރޯޝް އަދި ޖެޒިން އޭރިއާގެ ބިރްކެޓް ޖައްބޯރް އަވަށަށެވެ. ލުބުނާނުގެ ޤައުމީ ނިއުސް އެޖެންސީން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
ނަން ހާމަކުރަން ބޭނުންނުވާ ލުބުނާނުގެ ތިން މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ އިޒްރާއިލް އިން އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ލުބުނާނަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. ނަމަވެސް މީގެ ކުރިންވެސް ލުބުނާނުގެ ހިޒްބުالله އާ އިޒްރާއިލްއާ ދެމެދު ބޯޑަރު ހުރަސްކޮށް ވަނީ އެތައް ހަމަލާއެއް ބަދަލުކޮށްފައެވެ.
އިޒްރާއިލް އިން ތުހުމަތު ކޮށްފައިވާ ގޮތުގައި ލުބުނާނުން ވަނީ 100 އެއްހާ ރޮކެޓް ހަމަލާ އެމީހުންގެ ސިފައިންގެ މަރުކަޒު ތަކަށާއި އެހެނިހެން ތަންތަނަށް ފޮނުވާފައެވެ. ނަމަވެސް ހަމަލާތަކުގައި މީހަކު މަރުވި ކަމެއް, ނޫނީ ޒަހަމްވީ ކިތަށް މީހުންކަމެއް އިޒްރާއިލް ނުބުނެއެވެ.
އެކަމާގުޅިގެން ބުރާސްފަތި ދުވަހު އިޒްރާއިލްގެ ދިފާއީ ވަޒީރު ދިން ނިއުސް ބްރީފިންއެއްގައި އޭގެ ބަދަލު ހިޒްބުالله ގެ ކިބައިން ހިފާނެކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ލުބުނާނު-އިޒްރާއިލް ބޯޑަރު ކައިރީގައި ދިރިއުޅުނު އިޒްރާއިލްގެ ރައްޔިތުން އެނބުރި ސަލާމަތްތެރި ކަމާއެކު އަންނަށް މަގުފަހި ކުރުމަށް ކުރަންޖެހޭ ކަންކަން އިޒްރާއިލްއިން ކުރާނެކަމަށްވެސް ބްރީފިންގައި ބުނެފައި ވެއެވެ.
"ބަދަލު ހިފުމުގެ މިހަމާލާތައް މިގޮތުގައި ކުރިއަށް ދާނެ" އިޒްރާއިލްގެ ދިފާއި ވަޒީރު ޔޯވް ގަލަންޓް ނިންމާލަމުން ބުނެފައިވެއެވެ.
ބުރާސްފަތި ދުވަހު ހިޒްބުالله ގެ ލީޑަރު ޙަސަން ނަޞްރުالله ވެސް ވަނީ އެމީހުންގެ މުވާސަލާތީ ކަންކަމުގައި ގެންގުޅުނު ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވާލާ ހިންގި ހާދިސާތަކާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އޭނާގެ ބަޔާނުގައި ސީރިއާ އާ ލުބުނާނުގައި ހަރަކާތްތެރިވާ އެޖަމާއަތުގެ މުވާސަލާތީ ޑިވައިސްތައް ގޮއްވާލައިގެން ދިން ހަމަލާއަކީ "ހުރިހާ ރަތްރޮނގެއް" ހުރަސްކުރުން ކަމަށް ބުނެފައި ވެއެވެ.
ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވާލައިގެން ދިން ހަމަލާތަކުގައި މިހާތަނަށް 37 މީހުން މަރުވެ, ތިންހާހެއްހާ މީހުން ޒަޙަމްވެފައިވާ ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ. ނަމަވެސް ޣައްޒާގައި އިޒްރާއިލް އިން ހިންގާ އުދުވާނުތައް ހުއްޓާނުލަނީސް ހިޒްބުالله އިން އިޒްރާއިލް އަށް ދޭ ހަމަލާތައް ހުއްޓާނުލާނެ ކަމަށްވެސް އެޖަމާއަތުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ފާއިތުވި ހަފުތާފައި އިޒްރާއިލްގެ ވެރިން ވަނީ އެކި ފަހަރުމަތިން ލުބްނާނުގައި ހިޒްބުالله އާ ދެކޮޅަށް ދޭ ހަމަލާތައް އިތުރުކޮށް މިލިޓަރީ އޮޕްރޭޝަންތައް ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.
ރިއެކްޝަންސް