
އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުން: 800 މީހުން މަރުވެ 2500 މީހުން ޒަހަމްވެއްޖެ
ރޭ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަކަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 800 މީހުން މަރުވެ 2500 މީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. އަފްޣާނިސްތާނާއި ޕާކިސްޓާނު ގުޅޭ އިރުމަތީ ބޯޑަރު ކަރިއި ސަރަހައްދަކަށް އައި މި ބިންހެލުމުގެ ބާރުމިން އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭގެ މިންގަނޑުން 6 އަށް އަރައެވެ.
ބިންހެލުމުގައި އަފާޣާނިސްތާނުގެ ފަރުބަދަމަތީ ދެ ޕްރޮވިންސެއް ކަމަށްވާ ކުނާރު އަދި ނަންގަހާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ބިންހެލުން އައީ އެޤައުމުގެ ގަޑިން ރޭ 11:47 ގައެވެ. މީގެ އިތުރުން ބިންހެލުން އެންމެ ބޮޑަށް އައި ޖަލާލް އާބާދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ބިންހެލުން އައިސްފައިވަނީ ޖަލާލްއާބާދުގެ މެދުތެރެއަށް އިރުން 17 މޭލު އަދި ފަސް ކިލޯމީޓަރު އަޑިއަށެވެ. އޭގެ އިރުކޮޅެއް 4.5 މެގްނިޓިއުޑްގެ ބިންހެލުމެއް ނަންގަހާރުގެ ބަސާވުލްއަށްވެސް އައިސްފައި ވެއެވެ.
ވެރިރަށް ކާބުލް އާއި އެހެން ސަރަހައްދުތަކުންވެސް މީހުން ސަލާމަތްކުރުމުގެ ޓީމްތައް މިހާރު އެންމެބޮޑަށް އަސަރުކުރު ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ ބުނެފައެވެ
ރިއެކްޝަންސް






