
ޤައުމެއް ތަރައްޤީ ކުރުމުގައި އެ ޤައުމެއްގެ ޞިއްޙަތު ކިތަންމެހައިވެސް މުހިންމު: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ޤައުމެއް ތަރައްޤީ ކުރުމުގައި އެ ޤައުމެއްގެ ޞިއްޙަތު ކިތަންމެހައިވެސް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ޞިއްޙަތުވެސް ޤައުމެއްގެ ތަރައްޤީގައި މުހިއްމު ދައުރެއް އަސާކުރާ ކަމަށެވެ. ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ޞިއްޙީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. ވަކީން ޚާއްޞަކޮށް ފަންނިއްޔާތާއެކު ޞިއްޙީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫޢަކީ، ދިވެހި ޞިއްޙީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއްވެސް ވަނީ އިފްތިތާޙްކުރައްވާފައެވެ. އެގޮތުން، ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑޮކްޓަރ އަޙްމަދު އަޝްރަފެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ހދ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެއަށްފަހު އެކަމަނާ ވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކޮށްލައްވާފައެވެ.
ރިއެކްޝަންސް






