ކަރެކްޝަންސްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް "މައި އެމްސީއެސް" ޕޯޓަލް މާދަމާ ތައާރަފުކުރަނީ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި "މައި އެމްސީއެސް" ޕޯޓަލް މާދަމާ ބޭނުންކުރަން ފެށުމަށް އެ އިދާރާއިން ނިންމައިފިއެވެ.
ކަރެކްޝަންސްއިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ، މި އާ ޕޯޓަލް މެދުވެރިކޮށް ކުށުގެ ރެކޯޑް ސާފުކުރުމަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާ ބައްދަލުކުރުމަށް އެ ފަރާތްތަކުގެ އާއިލާތަކާއި ޤާނޫނީ ވަކީލުންނަށް ފަސޭހަކަމާއެކު މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި ޚިދުމަތްތައް ހޯދުމަށްޓަކައި "މައި އެމްސީއެސް" ޕޯޓަލްގެ އިތުރުން، ކަރެކްޝަންސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް "އީފާސް" (eFaas) ބޭނުންކޮށްގެން ލޮގިން ވެވޭނެއެވެ. ލޮގިން ވުމަށްފަހު، ގައިދީން ނުވަތަ ބަންދުގައި ތިބޭ މީހުންނާ އޮތް ގުޅުން ކަށަވަރުކުރުމަށާއި، ރަޖިސްޓްރީވުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ކަރެކްޝަންސްއިން އިތުރަށް ބުނެފައިވަނީ، ކުރީގެ "އީ-ސަރވިސް" ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ވެސް މި އާ ޕޯޓަލްގައި އަލުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރީގެ އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް ފޮނުވާ އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ރިއެކްޝަންސް









