ފާޑުކިއުން އަމާޒުވި އިމާރާތް ކުއްޔަށް ހިފުމުގެ އެއްބަސްވުން ނިމުމަކަށް ގެންނަން އެންސްޕާ އިން ނިންމައިފި
ފާޑުކިއުން އަމާޒުވި އިމާރާތް ކުއްޔަށް ހިފުމުގެ އެއްބަސްވުން ނިމުމަކަށް ގެންނަން އެންސްޕާ އިން ނިންމައިފިއެވެ. އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުން ނިމުމަކަށް ގެންނަނީ މޯލްޑިވްސް މީޑޔާ ހައުސްއިން އެކަމަށް އެދުމުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
މީޑިޔާ ހައުސްއިން އެއްބަސްވުން ނިމުމަކަށް ގެންނަން އެދުނީ އެކުންފުނީގެ އަގުވައްޓާލާ ބަދުނާމް ކުރުމަށް, ހަގީގަތާ ހިލާފް އެތައް ވާހަކަތަކެއް ދައްކަމުންދާތީ ކަމަށް ބުނެފައިވެއެވެ. އަދި މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދިއުމުގެ ސަބަބުން މާއްދީ ގޮތުންނާއި, މައުނަވީ ގޮތުން އެކުންފުންޏަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވުމަކީވެސް އެއްބަސްވުން ބާތިލްކުރަން އެދުނު ސަބަބެއް ކަމަށް ބުނެފައި ވެއެވެ.
އެހެންނަމަވެސް އެންސްޕާއިން ބުނީ އެ އެޖެންސީ ހިންގުމަށް އޮފީސް އިމާރާތް ކުއްޔަށް ނެގީ މާލީ ވުޒާރާގެ އޯޕަން ޓެންޑަރ އިން ހުޅުވާލައިގެން ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ މަތިން އެވޯޑްކޮށްގެން ކަމަށެވެ. އިމާރާތެއް ކުއްޔަށް ނެގީ މިހާރު އެއޮފީސް ހިންގަމުން އަންނަ މޫކައި ސުއިޓްސް މަރާމާތު ކުރުމަށް ހުސްކުރަން އެންގުމުން ކަމަށް ބުނެފައި ވެއެވެ.
އެއްބަސްވުން އުވާލަން ކުރަން ޖެހޭ ކަންކަން މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރަމުންދާކަމަށްވެސް އެންސްޕާގެ ބަޔާނުގައި ބުނެފައިވެއެވެ.
ރިއެކްޝަންސް