ޒަކާތު ފަންޑާއި ވަގުފު ފަންޑުން 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ކުރިއަށްދަނީ
ޒަކާތު ފަންޑާއި ވަގުފު ފަންޑުގެ އެހީގައި މިހާރުވެސް 300 މިލިޔަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓްތައް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ދާއިރާ ކުރިއެރުވުމަށް ބޭރުގެ ޤައުމުތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ކިންގް ސަލްމާން ސެންޓަރުގެ މަސައްކަތަށް ސަޢުދީ ޢަރަބިއްޔާއިން ދޭން އޮތް 16.8 މިލިޔަން ރުފިޔާ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، އެ ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަމިއްލަ ފައިސާއިން ކަންކަން ކުރެވޭ ފަދަ ތަނަވަސް ވުޒާރާއަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަމާޒަކީ އިސްލާމީ ކަންތައްތައް ފެތުރުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ މިނިސްޓްރީގެ އަމިއްލަ ފައިސާއިން ކަންތައްތައް ކުރުން. މިހާރު ހުރި ގިނަ ދަތިތައް އޭރުން ހައްލުވާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިން މިސްކިތްތައް އެޅުމަށްފަހު އެތަންތަން ބެލެހެއްޓޭނެ މާލީ ނިޒާމެއް ގާއިމުކުރެވިފައި ނެތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްލާމީ މަރުކަޒު ބެލެހެއްޓުމަށްވެސް މާލީ އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންކަމުން، ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިންވެސްޓްމަންޓްތައް އިތުރުކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށް ބަލާއިރު، ޒަކާތު ފަންޑުން އިންވެސްޓް ކޮށްގެން ހުޅުމާލޭގައި 20,000 އަކަފޫޓުގެ ބިމެއްގައި 'ދާރުލްސަލާމް' ވަޤުފު އިމާރާތާއި، މާލޭގައި 2,000 އަކަފޫޓުގެ ބިމެއްގައި 'ދާރުލް އަރުޤަމް' ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދުގައިވާ ގޮތުން، ޒަކާތުގެ ބެހެނިވެރިންނަށް ދޭ މިންވަރު އިތުރުކުރުމަށްޓަކައި އެޑްވައިޒަރީ ކޮމިޓީގެ ލަފައާއެކު ފައިސާ އިންވެސްޓް ކުރެވިދާނެއެވެ. މި އިންވެސްޓްމަންޓްތައް ކުރާނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަމަށާއި، މި ހުރިހާ ކަމެއްވެސް ކުރިއަށްދާނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތިން ސަރުކާރުގެ ފަންޑުތަކާއި މުއައްސަސާތަކާ ގުޅިގެން ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ރިއެކްޝަންސް





