އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ޖީއެސްޓީ ބިލު ކޮމިޓީން ފާސްކޮށްފި
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް، ދިރާސާކުރި ސަބް ކޮމިޓީން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މުޅި މަޖިލިސް ކޮމިޓީން ފާސްކުރި ދެ ބިލުގެ ތަފުސީލު:
-
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަ އިސްލާހު:
ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލު ފާސްވީ 66 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހުގެ ބޭނުމަކީ ޓެކްސް ދައްކަންޖެހޭ އާމްދަނީ ކަނޑައެޅުމުގައި އުނިކުރެވޭ އިންޓްރެސްޓްގެ މިންގަނޑުތައް މުރާޖައާކުރުމެވެ. މި ބަދަލާއެކު އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ "ޓެކްސް-އެބިޓްޑާ" ގެ 25 ޕަސެންޓެވެ. ޖެނުއަރީ 1، 2027 ގައި އަމަލުކުރަން ފަށާ މި ބަދަލުން ދައުލަތަށް ގާތްގަނޑަކަށް 496.3 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. -
ޖީއެސްޓީ ގާނޫނަށް ގެންނަ އިސްލާހު:
ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ދާއިމީ މަރުކަޒެއް ނެތް ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓެކްސް ނެގުން ހުއްޓައިލުމެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ކަންބޮޑުވުންތަކާ ގުޅިގެން މި ޓެކްސް ނުނަގަން ނިންމުމުން، ދައުލަތަށް ލިބޭނެ ކަމަށް ކުރިން ލަފާކުރި 1.6 ބިލިއަން ރުފިޔާ އުނިވާނެ ކަމަށް ބެލެވެއެވެ.
މީގެއިތުރުން، ގަވާއިދުން ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، ޓެކުހުން އެއްކިބާވުމަށް ހިންގާ މަކަރުވެރި މުއާމަލާތްތަކަކީ ސައްހަ ނޫން މުއާމަލާތްތަކެއް ކަމަށް ކަނޑައެޅުމުގެ ފުރިހަމަ ބާރު މި ބިލުގެ ދަށުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





