ޤަވާއިދާ ޚިލާފަށް ފަޅު ހިއްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫޢުތައް، ދޫކޮށްފައިވާ ހުއްދަތަކާ ޚިލާފަށް ކުރިއަށްގެންދާނަމަ އެ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އިން ދީފިއެވެ.
އީ.ޕީ.އޭ އިން މިފަދަ އިންޒާރެއް ދީފައިވަނީ، ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫޢުތަކާ ގުޅިގެން ތިމާވެށްޓަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އީ.ޕީ.އޭ އަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި، ހިއްކުމުގެ މަސައްކަތުގެ ސަބަބުން ފަޅުތެރޭގައި އުފެދޭ ސެޑިމެންޓޭޝަން ނުވަތަ ކަސީރުވުން ކުޑަކުރުމަށްޓަކައި ޖަހަންޖެހޭ ބަންޑްވޯލް އާއި ސިލްޓް ސްކްރީން ޤާއިމްނުކޮށް މަސައްކަތް ކުރުން ހިމެނެއެވެ. މީގެ އިތުރުން، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުން ބޭރުން ވެލި ނެގުމާއި، ރަށްރަށާ މާ ކައިރިން ވެލި ނެގުމުގެ އިތުރުން، މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައިވެސް މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މިކަންކަން އިޞްލާޙުކުރުމަށް އަންގަމުން އީ.ޕީ.އޭ އިން ބަޔާންކޮށްފައިވަނީ، ކޮންމެ މަޝްރޫޢަކަށްވެސް ފާސްކޮށްފައިވާ އީ.އައި.އޭ ރިޕޯޓުގައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން:
- ބަންޑްވޯލް އަދި ސިލްޓް ސްކްރީން ބޭނުންކުރުން.
- މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގެ ހައުސް ރީފުން ފެށިގެން މަދުވެގެން 500 މީޓަރުގެ ދުރުމިނެއްގައި ވެލި ނެގުން.
- ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން، ކަނޑައެޅިފައިވާ ޑްރެޖަރ ރޫޓުތައް ބޭނުންކުރުން.
- މޫސުމީ ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި މަސައްކަތް މަޑުޖައްސާލުން.
އީ.ޕީ.އޭ އިން އިތުރަށް ވިދާޅުވީ، ހުށަހެޅޭ ޝަކުވާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ހުއްދަތަކާ ޚިލާފަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މި ސަރުކާރުގެ ތިމާވެށްޓާ ބެހޭ ސިޔާސަތުތަކުގެ ދަށުން، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތިމާވެށްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ.
ރިއެކްޝަންސް





