
ރައީސުލްޖުމްހޫރިއްޔާ ނޭޕާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވައިފި
ބައްދަލުކުރެއްވީ ޗައިނާގައި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލި އާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައެވެ.
މިބައްދަލުވުމުގައި، ދެބޭފުޅުން ދެ ޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި، ތަޢުލީމީ ދާއިރާއާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވެސް ދެބޭފުޅުންގެ މަޝްވަރާގައި އަލިއަޅުއްވާލެއްވި ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ނޭޕާލުން ރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމަށް ރައީސް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުންވެސް ދެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






