ދަނާލުގައި ކުއްޖާ ނިޔާވި ހާދިސާގެ ތަފްސީލު ހާމަކުރީ ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށް: މިނިސްޓަރު އިހުސާން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ މަޖުދުއްދީން ދަނާލުގައި ނިޔާވި ދަރިވަރާއި ފުލުހުންނާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތަފްސީލު އާންމުކުރަން ޖެހުނީ، ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ކޮންމެ ރައްޔިތެއްގެވެސް ޒާތީ މައުލޫމާތަކީ ރައްކާތެރިކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށާއި، ވަކިން ހާއްސަކޮށް ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ ކުރާ މުއާމަލާތްތައް މާ ބޮޑަށް ރައްކާތެރިކުރަންޖެހޭ ކަމަށެވެ. ނަމަވެސް، އެ ހާދިސާ ހިނގުމާއެކު މީސްމީޑިއާގައާއި އާންމުންގެ ތެރޭގައި ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއް ވަރަށް ބޮޑަށް ފެތުރިގެންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ދޮގު މައުލޫމާތުތަކުގެ އެންމެ ބޮޑު އަސާސަކީ، ނާޒުކު ހާލަތެއްގައި ހުރި ކުއްޖަކު ފުލުހުންގެ އެހީތެރިކަމަށް އެދުމުން ފުލުހުން އެކަމަށް އަޅާނުލައި، އިގްނޯ ކޮށްލުމުގެ ސަބަބުން އެ ކުއްޖާ ނިޔާވީ ކަމަށް ބުނެ ދެކެވުނު ވާހަކަތައް. މިއީ ވަރަށް ބޮޑު އިލްޒާމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ތުހުމަތުކުރެއްވި ގޮތުގައި ފުލުހުންނަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ދޭން ތައްޔާރަށް އޮތް މުއައްސަސާއަކަށް ވާއިރު، އެ މުއައްސަސާއަށް އޮތް އިތުބާރު ގެއްލުވާލުމަށް ރޭވުންތެރި މަސައްކަތްތަކެއް އެ ދުވަހު ހިންގާފައިވެ އެވެ. އަދި ގާނޫނުއަސާސީއާއި ދިވެހި ފުލުހުންގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، ކުއްޖާގެ މައުލޫމާތު ހިމާޔަތްކުރުމުގެ އިތުރުން މުއައްސަސާއަށް އޮތް އިތުބާރު ދެމެހެއްޓުމުގެ ޒިންމާވެސް އެމަނިކުފާނަށް މަތިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހާދިސާގެ ތަފްސީލީ ޓައިމްލައިނާއި، ކުއްޖާ ދެއްކި ވާހަކަތަކާއި ފުލުހުން އަމަލުކުރި ގޮތް ސާފުކޮށްދޭން ޖެހުނީ މި ސަބަބުތަކަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަދަ ހާލަތްތަކުގައި ހެކިތައް ހާމަނުކޮށްފިނަމަ ކަންކަން ފޮރުވަނީ (ކަވަރއަޕް ކުރަނީ) ކަމަށް ބުނާ ކަމަށާއި، ހާމަކޮށްފިނަމަ ޕްރައިވެސީއަށް އަރައިގަތީ ކަމަށް ބުނާތީ، މިއީ ވަރަށް ހަނި ރޮނގަކުން ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.
މި ޖަލްސާގައި މެންބަރު މީކާއީލް ކުރެއްވި އިތުރު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ހާލަތްތަކުގައި ޒާތީ މައުލޫމާތު ހާމަކުރުމާ ގުޅޭ ހާއްސަ އެސްއޯޕީއެއް އެކުލަވާލެވޭނީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ޑޭޓާ ޕްރައިވެސީގެ ގާނޫނު ފާސްވުމުން ކަމަށެވެ. މި ގާނޫނު މަޖިލީހުން ނިމުމާއެކު، އެސްއޯޕީ އާންމުކުރެވޭނެ ތާރީހެއް ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވަނީ އެ ހާދިސާގައި ރާއްޖޭގެ ނޫސްވެރިން އަމަލުކުރި ގޮތަށް ތައުރީފު ކުރައްވާފަ އެވެ. ނަމަވެސް، ބައެއް ސިޔާސީ ފަރާތްތަކުން ޒިންމާދާރުކަން ކުޑަގޮތެއްގައި މި ނާޒުކު ހާލަތުގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، އެކަން ވަނީ ކުށްވެރިކުރައްވާފަ އެވެ.
ރިއެކްޝަންސް





