ކުރިމަގުގެ ޖީލުތައް ބައްޓަންކުރުމުގައި މުދައްރިސުން އަދާކުރައްވާ ދައުރު މުހިއްމު: ރައީސް
ކުރިމަގުގެ ޖީލުތައް ބައްޓަންކުރުމާއި، މުޖުތަމަޢު ބަދަހިކުރުމާއި، ޤައުމު ބިނާކުރުމުގައި، މުދައްރިސުން އަދާކުރައްވާ ދައުރުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާހަގަ ކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުގައި ޙިއްޞާކުރެއްވި މެސެޖެއްގައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކުރުމުގައި މުދައްރިސުން ފޯރުކޮށްދެއްވާ ޢިލްމާއި، ދެއްވާ އިރުޝާދާއި އަދި ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ތަޢުރީފުކުރައްވާފައި ވެއެވެ.
ހަމަ މިޔާއެކު، ދަރިވަރުން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، މުޖުތަމަޢުގެ ތަރައްޤީއަށް ޚިދުމަތްކުރުމުގައި، މުދައްރިސުންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މުދައްރިސުންގެ ޢާންމު ޙާލަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، މަސައްކަތުގެ ބުރަ ލުއިކޮށްދިނުމާއި، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމާއި، ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ހަމަ އެފަދައިން، ކޮންމެ ދަރިވަރެއްގެ ކިބައިގައިވާ ހުނަރާއި ޤާބިލުކަން އެންމެ ފުރިހަމައަށް ތަރައްޤީކޮށްދިނުމަށް، މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާގެ އަގުވަޒަންކޮށް މުދައްރިސުންގެ ކުރިއެރުމަށް ވުނަކުރުމުގެ މުހިންމުކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ 'އެކްސް' މެދުވެރިކުރައްވައި މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
އެކަމަނާގެ މެސެޖުގައި، ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުން އިތުރުވެ، ކްލާސްރޫމްތަކުގެ ވެށި ބަދަލުވަމުންދާ މި ދަނޑިވަޅުގައި، މުދައްރިސުންނަށް އައު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. އަދި މި ބަދަލުތަކަށް ހޭނުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމާއި، މުދައްރިސުން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މުދައްރިސުންގެ ކެތްތެރިކަމާއި، އޯގާތެރިކަމާއި އަދި އިޚްލާޞްތެރި ޚިދުމަތަށް އެކަމަނާ ޝުކުރު އަދާކުރައްވާފައި ވެއެވެ.
ރިއެކްޝަންސް





