އެގްރޯނެޓް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ސިނާން އަދި ޗެއާމަންގެ މަގާމަށް މުޙައްމަދު އަނަސް!
އެގްރޯނެޓް ކުންފުނީގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ސިނާން އައްޔަންކުރުމަށް ނިންމަވައިފިއެވެ.
މިކަމާއި ގުޅިގެން މިފްކޯއިން ބުނެފައިވަނީ، އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އެގްރޯނެޓްގެ ޗެއާމަންގެ މަޤާމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް، ދޭލިޔާގެ، ގއ. ދެއްވަދޫ އަދި އެގްރޯނެޓްގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމަށް މުޙައްމަދު ސިނާން، ހުޅުދޫގެ، ސ. ހިތަދޫ އައްޔަންކޮށްފައިވާ ކަމަށެވެ.
އަދި މި ނިންމުން ނިންމީ މިއަދު ބޭއްވި މިފްކޯގެ ބޯޑު ބައްދަލުވުމުގައި ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 7ވަނަ ދުވަހުއެވެ.
މި ބަދަލަކީ އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ އަމާޒު ހާސިލްކުރުމާއި، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްވެސް ފަސޭހަވާނެ ބަދަލެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް





