ރަސްމާލެ ޕްރޮޖެކްޓުން ދިވެހިންނަށް ވާނެ ފައިދާތައް ދައްކާ ކޮޅަކުން ނުލާނެ: މެންބަރު އިއްބެ

ރަސްމާލެ ޕްރޮޖެކްޓުން ދިވެހިންނަށް ވާނެ ފައިދާތައް ދައްކާ ކޮޅަކުން ނުލާނެ: މެންބަރު އިއްބެ

22 minutes ago - 06:32
Oct 5, 2026 - 06:36

ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން މަންފާކުރާނެ، އަދި އެ ފައިދާތައް ދައްކާ ކޮޅަކުން ނުލާނެ ފަދަ ބޮޑު މަޝްރޫއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

މެންބަރު އިއްބެ މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ދިވެހިރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުންނެވެ.

މެންބަރު އިއްބެ ވިދާޅުވީ، ރަސްމާލެއަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ފެނިފައިނުވާ ފަދަ ބިޔަ އަދި ތާރީޚީ ބޮޑު މަޝްރޫއެއް ކަމަށާއި، މި މަޝްރޫއު ފުރިހަމަވެގެން އަންނައިރު، މި މަޝްރޫއާއެކު ދިވެހިރާއްޖޭގެ ނަން އެތައް ހަރުފަތަކަށް އުފުލިގެންދާނެ ކަމަށެވެ. 

އަދި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ، މިފަދަ ބޮޑެތި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމުން ދައުލަތަށް ލިބޭ ޓެކުހުގެ އާމްދަނީ އިތުރުވެ، އޭގެ ހަގީގީ މަންފާ ކުރާނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ކަން މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ހިލޭ ބޭސްފަރުވާއާއި، ހިލޭ ތައުލީމު ފަދަ އެތައް އަސާސީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ލިބިގެންދަނީވެސް މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ ގެނެސް، އިންވެސްޓަރުންނާއި ރައްޔިތުންނަށްވެސް ފައިދާވާނެ ފަހި މާހައުލެއް ގާއިމުކުރެވިގެން ކަމުގައި މެންބަރު އިއްބެ ވިދާޅުވިއެވެ. އަދި މި ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދާނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް މެންބަރު އިއްބެ ވިދާޅުވިއެވެ.

އަދި ދިވެހިންގެ ލާބަޔާއި މަންފާއަށް ކުރެވޭ މިފަދަ ތަރައްގީގެ ކަންކަމުގައި އިދިކޮޅު ފަރާތްތަކުން ދައްކާ ހަގީގަތެއް ނެތް ވާހަކަތަކަށް ރައްޔިތުން މިހާރުން މިހާރަށް ނޫނެކޭ ބުނަންޖެހޭ ކަމަށްވެސް މެންބަރު އިއްބެ ވިދާޅުވިއެވެ.

ރަސްމާލެ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކޮށްގެން ވޯޓަފްރަންޓް އަދި މެރީނާ ތަރައްގީކޮށް، 5،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ވަނީ 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެފައިވަނީ، މި މަޝްރޫއުގެ ސަބަބުން އަހަރަކު 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތަށް ލިބިގެންދާނެ ކަމަށާއި، މިއީ މުޅި ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ލިބޭ ޖުމްލަ އާމްދަނީއަށް ވުރެވެސް ބޮޑު އަދަދެއް ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއު އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ރަސްމާލޭގައި ގެދޮރާއި ހޮޓާތަކުގެ އިތުރުން މެރީނާ، އޮފީސް އިމާރާތްތައް، ވިޔަފާރި މަރުކަޒުތައް އަދި ފެންވަރު ރަނގަޅު ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ ތަންތަން ގާއިމުކުރެވިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow