އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް: އައު ޚިދުމަތްތަކާއެކު ބޮޑު ކުރިއެރުމެއް
ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ވަސީލަތްތަކާއެކު އައު ޚިދުމަތްތަކެއް ފަށައިފިއެވެ.
އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ހުސައިން އާސިފު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ އަމާޒާ އެއްގޮތަށް ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށްޓަކައި ގިނަ އަދަދެއްގެ މުވައްޒަފުންނާއި ވަސީލަތްތައް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ.
ޚިދުމަތްތަކަށް އައި ބަދަލުތަކަށް އަލިއަޅުވާލައްވަމުން އާސިފު ފާހަގަކުރެއްވި ގޮތުގައި، ކުރިން އެ ހޮސްޕިޓަލުގައި ނެތް ނާރުގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުން މިހާރު އަންނަނީ ޚިދުމަތް ދެއްވަމުންނެވެ. މީގެ އިތުރުން، އާއްމު ބަލިތަކުގެ ޑޮކްޓަރުން ނުވަތަ މެޑިކަލް އޮފިސަރުންގެ އަދަދު 7 އިން 22 އަށް އިތުރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިން އެއް ދަންފަޅިއަށް ދެމުންދިޔަ އޯޕީޑީގެ ޚިދުމަތް، ސްޕެޝަލިސްޓުންގެ އޯޕީޑީ ދެ ދަންފަޅިއަށް މިހާރު ވަނީ ބަދަލުކުރެވިފައި. މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް،" އާސިފު ވިދާޅުވިއެވެ.
ހޮސްޕިޓަލުގެ އިންސާނީ ވަސީލަތްތަކަށް އައި ކުރިއެރުމަށް ބަލާއިރު، ނަރުހުންގެ އަދަދު 100 އާ ގާތްކުރާ މިންވަރަށް އިތުރުކޮށް، ލެބޯޓަރީގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އާސިފު ވިދާޅުވި ގޮތުގައި މިހާރު އެ ހޮސްޕިޓަލުގައި 4 ސަބްސްޕެޝަލިޓީއާއި 19 ދާއިރާއެއްގެ ސްޕެޝަލިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޓެކްނޮލޮޖީގެ ގޮތުން ހޯދި އެންމެ ބޮޑު އެއް ކުރިއެރުމަކީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެ ހޮސްޕިޓަލުގައި އެމްއާރްއައި (MRI) ގެ ޚިދުމަތް ދޭން ފެށުމެވެ. މިއީ ބަލިތައް ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ދާއިރާތަކުން ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ފުރިހަމަ ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ހޮސްޕިޓަލުގެ މެނޭޖްމަންޓުން ދެއެވެ.
ރިއެކްޝަންސް





