ދޯނިން ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީ ހޯދަނީ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑްސް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ބޭރުގެ ގައުމުތަކުގެ އެހީތެރިކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އެދިއްޖެއެވެ.
ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް، އެމްއެންޑީއެފް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން އެ މިނިސްޓްރީން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ. މި ވަގުތަށް އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލިފައިވާ ތިން މީހުން ހޯދުމަށް ކުރާ މަސައްކަތަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިގޮތުން، މިހާރު ކުރިއަށްދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ބޭނުންވާ އިތުރު ފަންނީ އެހީތެރިކަމާއި ވަސީލަތްތައް ހޯދުމަށް ރާއްޖޭގެ ބައިލެޓަރަލް ޕާޓްނަރުން ނުވަތަ އެކުވެރި ގައުމުތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި، އަޑިއަށް ދިޔަ ދޯނި ހޯދުމުގެ މަސައްކަތުގައިވެސް ބޭރުގެ އެހީތެރިކަން ހޯދުމަށް ރޭވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.
މި ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން ރޭ ބުނީ، ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން ފެނިފައެއް ނުވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ހިނގި މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަންގެ އިތުރުން، ދޯނި ދިޔަވަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހެކެވެ. ޖުމލަ 8 މީހުންނާއެކު ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ، ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށެވެ.
މި ދަތި އުނދަގޫ ވަގުތުގައި ފޮރިން މިނިސްޓްރީން ވަނީ ގެއްލުނު މީހުންގެ އާއިލާތަކަށް އިޚްލާޞްތެރި ހަމްދަރުދީ ފޮނުވާފައެވެ.
ރިއެކްޝަންސް





