ފުވައްމުލަކު ފުނާޑު ފުޓްސެލް ޑަނޑުގެ މަސައްކަތް ނުފެށި އޮތީ ކައުންސިލްގެ ސަބަބުން: ވަޒީރު ރާފިއު
ފުނާޑު ދަނޑުގެ މަސައްކަތް ނުފެށި އޮތީ ކުރިން ދަނޑު އެޅުމަށް ކައުންސިލުން ހަމަޖެއްސި ބިން ބަދަލު ކުރުމަށް ކައުންސިލުން ބޭނުންވާތީ
ފުވައްމުލަކު ފުނާޑުއަވަށުގެ ފުޓްސެލް ދަނޑުގެ މަސައްކަތް ނުފެށި ލަސްވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ސަބަބުން ކަމަށް ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުނާޑު ދަނޑުގެ މަސައްކަތް ފެށުން ލަސްވާ ސަބަބު އޮޅުންފިލުއްވުމަށް ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ފުނާޑު ފުޓްސެލް ދަނޑުގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ދަނޑު އެޅުމަށް ހަމަޖައްސާފައި އޮތް ބިން އެހެން ތަނަކަށް ބަދަލު ކުރުމަށް ބޭނުންވާ ކަމަށް ކައުންސިލުން އަންގާފައިވާ ކަމެށެވެ.
"ކޮންޓްރެކްޓާއަށް މަސައްކަތް ނުފެށި މިއޮތީ ކައުންސިލުން ދަނޑުގެ ލޮކޭޝަން ބަދަލުކުރަން މިހާރު ނިންމާފައިވާތީ" ކުޅިވަރާބެހޭ ވަޒީރު ރާފިއު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރަށް އެމަސައްކަތް ކުރިއަށް ގެންދެވެން އޮތީ ކައުންސިލްގެ އެއްބާރުލުމާ އެކީގައި ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރާ ހަވާލުކުރި ބިން ނޫން އެހެން ބިމެއްގައި ދަނޑު އެޅުމަކީ އިތުރު އެޙެން ކަންތައްތަކެއްވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މަސައްކަތް ބާރަށް ކުރިއަށް ގެންދެވެންއޮތީ މިހާރު ހަވާލުކޮށްފަ އޮތް ބިމުގައި އެކަން ކުރަން ހުއްދަ ދީގެން" ވަޒީރު އަބްދުﷲ ރާފިއު ވިދާޅު ވިއެވެ.
ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ މަޑުކޮށްގެން ތިއްބެވީ ދަނޑުއަޅާނެ ބިމަކާމެދު ވަކިގޮތެއް ފުވައްމުލަކު ސިޓީކައުންސިލުން ނިންމަންދެން ކަމަށާއި އަލަށް ކައުންސިލުން ދައްކާ ބިމަކީ ރުއްގަސް ހުރި ބިމެއްތޯ ނުވަތަ ރުއްގަސް ހުރިނަމަ ބަދަލު ދޭންޖެހުނަފަދަ ކަމެއް ކުރަންޖެހޭނެތޯވެސް ބަލަންޖެހޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ދަނޑުގެ މަސައްކަތް އަވަހަށް ގެންދަން ބޭނުންނަމަ އެންމެ ރަނގަޅު ގޮތަކީ މިހާރު އޮތް ބިމުގައި އެމަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
ރިއެކްޝަންސް