256 މީހުން އެހީއަށް އެދުނު, 5 އާއިލާއަށް ވަގުތީ ހިޔާވަހިކަން ދިން
އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ 5 އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ދިންކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެއޮތޯރިޓީން ބުނީ މިއަދު ހެނދުނު 10:30 އާ ހަމައަށް އެހީތެރިކަމަށްއެދި 256 ކޯލް ލިބުނު ކަމަށެވެ. ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރީ މާލޭގެ 5 އާއިލާއަކުން 23 މީހުން ކަމަށް ބުންޏެވެ. ފެން ވަބުން ހުއްޓުވުމަށް މާލޭގެ 248 ގެއެއްގައި ވެލިބަސްތާ ޖެހިއެވެ. އަދި ނަރުދަމާ މައްސަލަ ޖެހުނު 12 ގެއަކަށްވެސް އެހީތެރިވެދިން ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.
އިއްޔެ މެންދުރުވަނިކޮށް މާލެއަށް ބޯކޮށް ވެހެންފެށި ވާރޭ ރޭގެ ލަސްވަންދެންވެސް ނުހުއްޓައެވެ. މުޅި މާލޭގެ މަގުތަކުގައި ފެންބޮޑުވެ, ބައެއް ގޭގެއަށާއި ވިޔަފާރިތަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ. މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރެވެހުނު ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާގެ ރެކޯޑްތަކުން ދައްކަނީ މާލެއަށެވެ. އެއީ 89.4 މިލިމީޓަރުގެ ވާރެއެވެ. އިއްޔެގެ ވިއްސާރައާ ގުޅިގެން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. ނަމަވެސް މާލެއަށް މިއަދު ވިއްސާރައެއް ނޫނެވެ.
ރިއެކްޝަންސް