ދުނިޔޭގެ އެންމެ ބޮޑު ސީފުޑް މައުރަޒުގައި ރާއްޖެއިން ބައިވެރިވެ، ދިވެހި މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް
ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒު، "ގްލޯބަލް ސީފުޑް މާކެޓްޕްލޭސް" ގައި ދިވެހިރާއްޖެއިން ކާމިޔާބުކަމާއެކު ބައިވެރިވެއްޖެއެވެ.
މި މަހުގެ 21 އިން 23 އަށް ކުރިއަށްދިޔަ މި ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބައެއް ކުންފުނިތަކެވެ. މީގެ ތެރޭގައި ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، ބްލޫ ސޯލްޓްވޯޓަރ އަދި ބިގްފިޝް މޯލްޑިވްސް ހިމެނެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި މައުރަޒަކީ ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާކޮށްދޭ މުހިންމު މައިދާނެކެވެ. މިއީ ދިވެހި އެކްސްޕޯޓަރުންނަށް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި، މަސް ގަނެވިއްކާ ފަރާތްތަކާ ބައްދަލުކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެއްގެ ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި މައުރަޒުގެ ތެރެއިން "ފްރޮމް މޯލްޑިވްސް ޓު ދަ ވޯލްޑް" ގެ ނަމުގައި ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ވަނީ ބާއްވާފައެވެ. މި މަޝްވަރާތަކުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި، މޮންޓެރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑައިރެކްޓަރ ޖޯޝް މަޑެއިރާ އަދި މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕެނަލްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި އުސޫލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ލިބޭ ކުރިއެރުންތަކަށާއި، ޒިންމާދާރުކަމާއެކު ކުރާ މަސްވެރިކަން ބަލައިގަތުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗްގެ އެންމެ ފަހުގެ އެސެސްމެންޓްތަކާއި ރޭޓިންގްތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމެރިކާގެ ކުންފުނިތަކުން މަސް ގަތުމުގައި ބަލާ މިންގަނޑެއް ކަމަށްވާ "ސީފުޑް ވޮޗް" ޕްރޮގްރާމުން މިއަހަރުގެ އޭޕްރިލް މަހު ވަނީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންއެއް ކަނޑައަޅާފައެވެ. މިއީ އެ ޕްރޮގްރާމުގެ ތާރީޚުގައި ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ދިން ފުރަތަމަ ފަހަރެވެ.
2017 ވަނަ އަހަރު އިންޑިއާ ކަނޑުގެ ބޮޑުކަންނެލީގެ ސްޓޮކް ހީނަރުވުމާ ގުޅިގެން ނެރުނު ނުރަނގަޅު އިރުޝާދުތަކަށްފަހު، އަލަށް އާންމުކުރި މިންގަނޑުގައި ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ބަލައިގެންފައެވެ. އަދި މުޅި މި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހިރާއްޖޭގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފައެވެ.
ރިއެކްޝަންސް

